Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

އުމަރު އަވަހާރަވުމަކީ ގައުމަށް ލިބުނު ބޮޑު ހިތާމައެއް

މިއަދު އަވަހާރަވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢުމަރު ޒާހިރުގެ ދަރިކަނބަލުން އާމިނަތު ސާމިޙާ ޒާހިރާ ރައީސް ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ސާމިޙާއަށާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ.

ޢުމަރު ޒާހިރަކީ، ދިވެހި ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރަކީ، ދައުލަތަށް 49 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ.

ޢުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.

އުމަރު ޒާހިރުގެ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.