Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޕްރިމިއާ ލީގުގެ 16 ޕަސެންޓް ކުޅުންތެރިން ވެކްސިން ނުޖަހާ

އިނގިރޭސި ޕްރިމިއާ ލީގުގެ 16 ޕަސެންޓް ކުޅުންތެރިން ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިންގެ އެއްވެސް ޑޯޒެއް މިހާތަނަށް ޖަހާފައި ނުވާކަން ހާމަވެއްޖެ އެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެ ލީގުގެ ބައެއް މެޗުތައް ފަސްކުރަން ޖެހިފައިވާއިރު، ޕްރިމިއާ ލީގުން އިއްޔެ ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު ވެކްސިންގެ އެއް ޑޯޒު ނަމަވެސް މިހާތަނަށް ޖަހާފައިވަނީ 84 ޕަސެންޓް ކުޅުންތެރިންނެވެ. އަދި ދެ ޑޯޒު ވެކްސިން ފުރިހަމަކޮށްފައިވަނީ 77 ޕަސެންޓް ކުޅުންތެރިންނެވެ.

މި ތަފާސް ހިސާބުތަކުން ޕްރިމިއާ ލީގުގެ 16 ޕަސެންޓް ކުޅުންތެރިން ވެކްސިންގެ އެއްވެސް ޑޯޒެއް މިހާތަނަށް ޖަހާފައި ނުވާކަން ފާހަގަވެފައިވާއިރު ޔޫރަޕްގެ އެހެން ލީގުތަކަށް ވުރެ ވެކްސިން ޖެހުމުގައި ޕްރިމިއާ ލީގުގެ ކުޅުންތެރިން އުޅެނީ ބޮޑުތަނުން ފަހަތުގަ އެވެ.

އެގޮތުން އިޓާލިއަން ލީގުގެ 98 ޕަސެންޓް ކުޅުންތެރިން ދެ ޑޯޒު ވެކްސިން ޖަހާފައިވާއިރު، ސްޕެނިޝް ލީގާއި ޖަރުމަނު ލީގުގެ 92 ޕަސެންޓް ކުޅުންތެރިން މިހާތަނަށް ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ޕްރިމިއާ ލީގުން 90 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، މިއީ ރެކޯޑު އަދަދެކެވެ.

ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވީ ނަމަވެސް ޕްރިމިއާ ލީގުން އިއްޔެ ވަނީ ކްލަބުތަކާއެކު މަޝްވަރާ ކުރުމަށްފަހު ލީގުގެ ކުޅުންތެރިން މެދުކަނޑާނުލާ ކުރިއަށްގެންދަން ނިންމާފަ އެވެ.