Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޕީކް ގަޑިތަކާ ދިމާކޮށް ކޮންމެ 15 މިނެޓަކުން ހިޔާ ފްލެޓް ސަރަހައްދަށް ބަސް ދަތުރުކުރަނީ

މިއަދުން ފެށިގެން ޕީކް ގަޑިތަކާ ދިމާކޮށް ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅެން ފަށާފައިވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އެމްޓީސީސީން ވަނީ އެ ސަރަަހައްދަށް ދެމުން އަންނަ ބަހުގެ ހިދުމަތުގެ ވަގުތުތަކަށް ބަދަލުގެނެސްފައެވެ.

އެގޮތުން މީގެކުރިން ކޮންމެ 30 މިނެޓަކުން ބަހުގެ ހިދުމަތް ދެމުން އައިނަމަވެސް ޕީކް ވަގުތުތަކުގައި ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ދޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ބަދަލާއެކު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު 5:45 އިން 8:15 އަށް، މެންދުރު 11:15 އިން 14:15 އަށް އަދި މެންދުރުފަހު 15:00 އިން ރޭގަނޑު 20:15 އަށް ކޮންމެ 15 މިނެޓަކުން ހިޔާ ފްލެޓް ސަރަހައްދަށް ބަސް ދަތުރުކުރާނެއެވެ.

އަދި ހުކުރު ދުވަސްތަކުގައި މެންދުރުފަހު 15:00 އިން ފެށިގެން ރޭގަނޑު 21:15 އާއި ހަމައަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ބޭއްވުމަށް ހަމަޖައްސާފައިވެއެވެ.

އެމްޓީސީސީން ހިޔާ ފްލެޓް ސަރަހައްދަށް ބަސް ދަތުރުތައް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.