Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އައްޑޫއިން މިއަދު 230 ސާމްޕަލް ނެގި

ހިތަދޫ ބޮޑު މަގުގައި ރެންޑަމް ސާމްޕަލް ނަގަނީ، ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީން މިއަދު 230 ސާމްޕަލް ނަގާފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އައްޑޫ އީއޯސީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ސާމްޕަލްތަކުގެ ތެރެއިން އެންމެ ގިނައީ ރެންޑަމް ސާމްޕަލްތަކެވެ. މިއާއެކު، އައްޑޫއިން މިހާތަނަށް ނެގުނު ސާމްޕަލްތަކުގެ ޢަދަދު ވަނީ 36358 އަށް އަރާފައެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުން އުވާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގައި އައްޑޫ ސިޓީ ކައުންސިލުން އެދުނު އެދުމަށް އެ އޭޖެންސީން ބުނީ، ކުރިއަށް އޮތް 2-3 ދުވަހަށް ބަހާލައިގެން އިތުރު ރެންޑަމް ސާމްޕަލް ނަގައި، ގާތްގަނޑަކަށް އާބާދީގެ 5 އިންސައްތަ މީހުން ޓެސްޓްކުރުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި މިވަގުތު އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުން ނެގެން އޮތީ އައްޑޫ ސިޓީގެ ހާލަތު ރަނގަޅުވެއްޖެކަމަށް ދެނެގަތުމަށް ކުރާ ޓެސްޓުތަކުގެ މައުލޫމާތުތައް ފުރިހަމަކޮށް އެ އެޖެންސީއަށް ލިބުމުން ކަމަށެވެ. އަދި އެ މަޢުލޫމާތުތައް ނުލިބެނީސް އައްޑޫ މޮނިޓަރިންއިން ނެގުމަށް ނިންމަން ދަތިވާ ކަމަށެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އައްޑޫ އިން ފެނުނީ ކޮވިޑުގެ 2 ކޭހެވެ. އެ ދެ ކޭސް ފެނިފައިވަނީ މަރަދޫ އާއި މަރަދޫފޭދޫ އަވަށުންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 40 ކޭސް އުޅޭއިރު، މަރަދޫގައި ހަތަރު ކޭސް، ފޭދޫގައި ދެ ކޭސް، މަރަދޫފޭދޫގައި ތިން ކޭސް، މީދޫގައި ދެ ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 51 ގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތުގައި އޮންނަތާ މިހާރު ވަނީ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެފައެވެ.