Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ޝައިހް ހަސީނާގެ ދަތުރުފުޅު: އަސްކަރީ 13 އުޅަނދު ހަދިޔާކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރާއްޖެއަށް އަސްކަރީ 13 އުޅަނދު ހަދިޔާކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ހަސީނާ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވެއެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި، ޤައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާއި ގުޅޭދާއިރާގެ އެމްއޯޔޫއެއްގައި ސޮއިކުރުމާއި، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަންއާ ގުޅޭ އެއްބަސްވުމަކާއި ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

މީގެއިތުރުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަދި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން 13 އަސްކަރީ އުޅަނދު ހަދިޔާ ކުރާނެކަންވެސް ހާމަކޮށްފައިވެއެވެ.

ހަސީނާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެކަމަނާއަށް ރަސްމީކޮށް މަރުހާބާ ދެންނެވުން އޮންނާނީ ބުރާސްފަތިދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައި ކަމަށް މައުލޫމާތު ލިބެއެވެ.