Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޕީޖީއޭގެ އެގްޒެކްޓިވް ކޮމިޓީއަށް ރޮޒެއިނާ

ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަނެއްކާވެސް އިންތިޚާބު ކޮށްފި އެވެ.

ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ޕީޖީއޭގައި 140 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަކުން ބައިވެރިވެފައިވާއިރު 1،300 އަށް ގިނަ އެމްޕީން އެ ޖަމިއްޔާގައި ހިމެނެއެވެ.

ޕީޖީއޭގެ އެގްޒެކެޓިވް ކޮމިޓީއަށް 15 މެމްބަރުން ހޮވުން ކޮންމެ 4 އަހަރަކުން އެއް އަހަރަކު އޮންނައިރު، މިމަހުގެ 31 އަށް ދައުރު ހަމަވާ ޕީޖީއޭގެ އެގްޒެކެޓިވް ކޮމިޓީގައި މިވަގުތުވެސް ރޮޒައިނާ ހުންނަވައެވެ.

އެމެރިކާގެ ނިއުޔޯކްގައި މައި އޮފީސް ގާއިމު ކޮށްފައިވާ ޕީޖީއޭގެ ކުރިއަށް އޮތް ދައުުރުގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކަސްތުރި ޕައްޓޯ އެވެ. 1978 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާގެ މަގުސަދަކީ އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުވުމާއި، ގާނޫނު ނެގެހެއްޓުމަށް ބާރު އެޅުމެވެ. އަދި ދިމިގްރާތީ އުސޫލުތައް ހިފެހެއްޓުމާއި، ތަފާތުކުރުންތައް ނައްތާލުމާއި، ޖިންސުގެ ހަމަހަމަކަމަށް ގާނޫނު ހަދާ މަޖިލިސްތަކުގައި މަސައްކަތް ކުރުމަށް ބާރު އެޅުމެވެ.

ރޮޒައިނާ އާދަމް އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 2009 ވަނަ އަހަރު ތުލުސްދޫ ދާއިރާގެ މެންބަރުގެ ގޮތުގައެވެ. އޭގެފަހުން 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ރޮޒައިނާ އިންތިޚާބުވެވަޑައިގެންފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރުގެ ގޮތުގައެވެ. މީދޫ ދާއިރާގައި ހިމެނޭ އަވަށްތަކަކީ އައްޑޫ ސިޓީ މަރަދޫފޭދޫ އާއި މީދޫ އެވެ.