Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ލުމުގެ ހައްޤުލިބޭ ފަރާތްތަކުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ޑިސެމްބަރު 22 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް registration@elections.gov.mv އިންކަމަށް ވެސް އީސީން މައުލޫމާތު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރުމަށް ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

މި އިންތިހާބުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕީޕީއެމްގެ ޕްރައިމަރީ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޑިސެމްބަރުގައެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.