Last Updated: May 4, 12:11
Saturday, May 4, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

އައްޑޫގެ މޮނިޓަރިން އުވާލެވޭނީ އެކަށީގެންވާ އަދަދަށް ރެންޑަމް ސާމްޕަލް ނެގިގެން: އެޗްޕީއޭ

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީގެ މޮނިޓަރިން ހާލަތުން އުވާލުމަށް ނަގަންޖެހޭ ރެންޑަމް ސާމްޕަލްތައް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން އަންގައިފިއެވެ.

އައްޑޫސިޓީގެ މޮނިޓަރިން ހާލަތު އުވާލުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗްޕީއޭއަށް ފޮނުވި ސިޓީގެ ޖަވާބުގައި ޑިސެމްބަރު 20 ވަނަ ދުވަހު އެޗްޕީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އައްޑޫސިޓީގެ ހާލަތު ރަނގަޅުވެއްޖެކަމަށް ދެނެގަތުމަށް ކުރާ ޓެސްޓުތަކުގެ މައުލޫމާތުތައް "ފުރިހަމަކޮށް މި އެޖެންސީއަށް ލިބިފައިނުވާތީ" މޮނިޓަރިންއިން ނެގުމަށް ނިންމުމަށް ދަތިވާކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި ބަހާލައިގެން އިތުރު ރެންޑަމް ސާމްޕަލް، ގާތްގަނޑަކަށް އާބާދީގެ 5 އިންސައްތައިގެ ޓެސްޓްކުރެއްވުމަށް ހޮސްޕިޓަލުގައި ދަންނަވާފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަދި މޮނިޓަރިންގެ ހާލަތު އުވާލެވޭނީ އެ ރެންޑަމް ޓެސްޓްތަކުގެ ނަތީޖާގެ މައްޗަށް ބެލުމަށްފަހު ކަމަށްވެސް އެޗްޕީއޭގެ ސިޓީގައި ބުނެފައިވެއެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 40 ކޭސް އުޅޭއިރު، މަރަދޫގައި ތިން ކޭސް، ފޭދޫގައި ދެ ކޭސް، މަރަދޫފޭދޫގައި ދެ ކޭސް، މީދޫގައި ދެ ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 49 ގަ އެވެ.