މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރ. އަލިފުށީގައި ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރެއް ބިނާކުރަން ނިންމައިފިއެވެ.
މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި ހިންގާ ޕްރޮޖެކްޓެވެ.
މި ޕްރޮޖެކްޓުގެ ދަށުން، އެކޮމަޑޭޝަން ބްލޮކަކާ އެކު ޓިވެޓް ސެންޓަރެއް އިމާރާތް ކުރުމަށްޓަކައި ޓެންޑަރިންއަށް ބޭނުންވާނެ ޑިޒައިންތަކާއި ތަފްސީލީ ކުރެހުންތައް ނިންމައި ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ، ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، ފަންސާސް އަށް ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެ ކަމަށާއި، ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީނެ ބުނެފައިވެއެވެ.
މި ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 38,328 އަކަފޫޓްގެ ޖާގައިގައެވެ. ދެބުރިއަށް ފަރުމާކޮށްފައިވާ މި އިމާރާތް ނިމޭއިރު އިންސްޓިޓިއުޓްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ބްލޮކްތަކާއި އެކްޓިވިޓީ އޭރިއާއެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.
ރ. އަލިފުށީގައި ބިނާކުރާ މި ޓިވެޓް ސެންޓަރގެ ފަރުމާ ހާއްސަ ކޮށްފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށް ކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި ސެންޓަރުގައި ހިންގުމަށް މަގުފަހިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޕްރޮޖެކްޓާ ގުޅުންހުރި ކުރެހުންތަކާއި ތަފްސީލީ ލިޔުންތަކުގެ ސޮފްޓްކޮޕީ 2021 ޑިސެންބަރު 22 އިން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މި ހުޅުވާލި ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރުގެ ބީލަން ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 11 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.