Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި

އެމް.ޑަބްލިޔު.އެސް.ސީގެ 2019 އާއި 2020 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ.

މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި އެމްޑަބްލިއުއެސްސީއަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެވޯޑް ދީފައިވެއެވެ. މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއާމަން އަހުމަދު މައުސޫމް އާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރ ހަސަން ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.

2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުކު އެވޯޑް ހާސިލުކޮށްފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ ހަސަން ޝާހު ވިދާޅުވީ މި އެވޯޑް ހަފްލާގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއި އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުމެވެ. އަދި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށްވާއިރު، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަން ފާހަގަކޮށްފަިއވެއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ފާހަގަ ކުރައްވަމުން މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އެމް.ޑީ ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.