Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު ޖާބިރު

ޖާބިރު ހައްޔަރުކުރަން އަމުރު ނެރުއްވި ސިވިލް ކޯޓުގެ ގާޒީގެ މައްސަލަ ޖޭއެސްސީއަށް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސިވިލް ކޯޓުގެ ގާޟީ މަރިޔަމް ވަޙީދާއާ މެދު ފިޔަވަޅު އަޅައިދޭން ހުށައަޅައިފި އެވެ.

ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ޖާބިރު ހައްޔަރުކުރީ މިއަދު ހެނދުނު ގދ.ތިނަދޫގައި ހުންނަވަނިކޮށެވެ. ނަމަވެސް އޭގެ ފަހުން ހަމަ މިއަދު އޭނާ ދޫކޮށްލާފައިވާއިރު އެކަމާ ގުޅޭ ގޮތުން ޖާބިރު އައްޑޫލައިވްއަށް ވިދާޅުވީ އެ އަމުރު ނެރެވުނީ އޮޅިގެންކަމަށް ކޯޓުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރަން އަމުރު ނެރުނު މައްސަލަ ޖޭއެެސްސީއަށް ހުށައަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އޮޅިނޯ ކޯޓުން ބުނީ. ދެން އަޅުގަނޑުމެންވެސް ބަލަންވާނެތާ ކޯޓަށްވެސް އޮޅިދާނެކަމަށް. އަލީ ހަމީދުމެނަށް އަބްދުﷲ ސައީދުމެނަށް އޮޅުނީމަވެސް އެ އޮތީ ފެންނާންތާ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ހައްޔަރުކުރުމަށް ކޯޓުން އަމުރު ނެރުނީ އޭނާ ޗެއާމަންކަން ކުރައްވާ ޔޮޓް ޓުއާޒް މޯލްޑިވްސްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ކޮށްފައިވާ ހުކުމަކާ އެއްގޮތައް ފައިސާ ދައްކަމުން ނުދާ މައްސަލައިގަ އެވެ. ޖޭއެސްސީއަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކުންފުނީގެ މެނޭޖިން ޓިރެކްޓަރަކު ހުންނަވަނިކޮށް އޭނާ ހައްޔަރުކުރުމަަށް އަމުރު ނެރުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކުރުމުގެ އަމުރު ސިވިލްކޯޓުން ނެރެ ދިވެހި ފުލުހުން މިވަނީ މިއަދު އަޅުގަނޑު ހައްޔަރުކޮށްފައެވެ. ދިވެހިރާއްޖޭގެ ކުންފުނިތަކާއިބެހޭ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން ކުންފުނީގައި މެނެޖިންގ ޑިރެކްޓަރަކު ހުއްޓާ ކުންފުނީގެ ޗެއަރމަން ހައްޔަރު ކުރުމަކީ ޒާތީގޮތުން ހިންގާފައިވާ ކަމެއްކަމަށްދެކޭތީ ސިވިލްކޯޓުން މިއަމުރު ނެރުނު ސިވިލް ކޯޓުގެ ގާޟީ މަރިޔަމް ވަޙީދާ އާއިމެދު ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ." ޖޭއެސްސީއަށް ހުށައެޅުއްވި މައްސަލައިވެ އެވެ.