Last Updated: June 30, 06:12
Tuesday, June 30, 2026
ސިޔާސީ

ހަ ގޮނޑި އަނެއްކާ ވެސް އެމްޑީޕީ އަށް

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގެ އައްޑޫ ސިޓީގެ ވޯޓު ވަގުތީ ނަތީޖާ ދައްކާ ގޮތުން ސިޓީ ކައުންސިލްގެ ހަ ގޮނޑި ދެވަނަ ފަހަރަށް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

ޖުމްލަ 17 ފަރާތަކުން ކައުންސިލްގެ ހަ ގޮނޑިއަށް ވާދަ ކުރި އިރު ކޮންމެ ގޮނޑިއަކަށް ވެސް މިހާރު ވެރިކަން ކުރަމުން އަންނަ ޕީޕީއެމް ކޯލީޝަނުން ވަނީ ކެންޑިޑޭޓުން ނެރެފަ އެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާ އިން ދައްކާ ގޮތުން ހުޅުމީދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރި އަލީ މުހައްމަދު ވަނީ 604 ވޯޓުން އެ ގޮޑި ކާމިޔާބްކޮށްފަ އެވެ.
އޭނާ އާ ވާދަ ކުރި އަނެއް ތިން ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ކުރިމަތިލި މީދޫ މެދުގެ، ހަސަން ހަމީދަށް ލިބުނީ 388 ވޯޓެވެ.

ޕީޕީއެމް ކޯލިޝަނުގެ ޓިކެޓްގައި ޖުމްހުރީ ޕާޓީން ވާދަ ކުރި ހުސެއިން މުފީދަށް ލިބިފައި ވަނީ 254 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރި އަހުމަދު ހާމިދަށް ލިބުނީ 17 ވޯޓެވެ.

މަރަދޫ/މަރަދޫ ފޭދޫ ދާއިރާގެ ގޮޑި ކާމިޔާބް ކުރީ މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރާ އަބްދުﷲ ޠޮއްޔިބް (ޓޮމް) އެވެ.

ފޭދޫ ދާއިރާގެ ގޮޑި ކާމިޔާބް ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އަސްވާނު ވަނީ 638 ވޯޓު ހޯދާފަ އެވެ. އޭނާ އާ ވާދަ ކުރި ޕީޕީއެމް ކެންޑިޑޭޓް އަބްދުﷲ ސައީދަށް ލިބިފައި ވަނީ 601 ވޯޓެވެ.

އަމިއްލަ ގޮތުން ކުރިމަތިލި ސައީދު އިސްމާއިލް ޝާކިރަށް 138 ވޯޓު ހޯދި އިރު އަމިއްލަ ގޮތުން ކުރިމަތި އަބްދުﷲ ސައިދަށް ލިބިފައި ވަނީ 30 ވޯޓެވެ.

ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިވެސް އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ޔަސްރިފް ވަގުތީ ނަތީޖާއިން ކާމިޔާބްކޮށްފަ އެވެ.

ޔަސްރިފަށް 680 ވޯޓު ލިބިފައިވާ އިރު އޭނާ އާއި ވާދަކުރި ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓް ހުސެއިން ޒަރީރަށް ލިބިފައި ވަނީ 543 ވޯޓެވެ.

އަދި މެދު ދާއިރާ މިހާރު ވެސް އެ ދާއިރާގެ ކައުންސިލަރުކަން ކުރަމުން އަންނަ ހުސެއިން ހިލްމީ ވަނީ ކާމިޔާބްކޮށްފަ އެވެ. ހުސެއިން ހިލްމީ ގޮޑި ކާމިޔާބް ކުރީ 867 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި ޕީޕީއެމް ކެންޑިޑޭޓް އިބްރާހިމް ރަޝީދަށް ލިބިފައިވަނީ 549 ވޯޓެވެ. ޕީޕީއެމް ހިމެނޭ ކޯލިޝަންގެ ފަރާތުން ޖޭޕީން ކުރިމަތިލި އަބްދުﷲ ޖަމީލަށް ލިބިފައިވަނީ 191 ވޯޓެވެ.

އަދި ހިތަދޫ އުތުރު ދާއިރާ ގޮނޑި މިހާރު ވެސް އެ ދާއިރާ ތަމްސީލު ކުރަމުން އަންނަ އައްޑޫ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވަނީ ކާމިޔާބްކޮށްފަ އެވެ. ސޯބެ ގޮޑި ކާމިޔާބް ކޮށްފައިވަނީ 843 ވޯޓުންނެވެ. އޭނާ އާއި ވާދަކުރި އަދާލަތު ޕާޓީގެ ކެންޑިޑޭޓް އިނާޒް މުހައްމަދު ދީދީއަށް ލިބިފައިވަނީ 561 ވޯޓެވެ.

ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އަދިވެސް ލިބިފައި ނުވާތީ ވަގުތީ ޖުމްލަ ނަތީޖާ އަދި ގެނެސްދެވޭ ގޮތެއް ވަނީ ނުވެފަ އެވެ.

މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގެ ރަސްމީ ނަތީޖާ އިއްލާން ކުރުމަށް ހަަމޖެހިފައި ވަނީ މާދަމާ މެންދުރުގެ ވަގުތެއްގަ އެވެ.