ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން އުސޫލާ ހިލާފުވާ މައްސަލައެއް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
އެ މައްސަލަ ބެލުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިރޭ 08:00 އަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މިރޭގެ ކޮމިޓީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމަށް ކޮމިޓީން ނިންމާ ޖަވާބުދާރީވާން މުއްދަތު ދީފައިވަނިކޮށް، ކޮމިޝަންގެ އުސޫލާ ހިލާފަށް އެ ކޮމިޝަންގެ މެމްބަރުން ކަންކަން ހިންގާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްބުނެ، ކޮމިޓީގެ ތިން މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ، ކޮމިޝަނާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހުއެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނުވެސް ކޮށްފައިވެއެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ މެމްބަރުންނަށް ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައެވެ.