Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ކަށަވަރުވެއްޖެ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ކަށަވަރުވެއްޖެ އެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހުޅުވާލާފައި އޮތްއިރު، އެމްޑީޕީން ބުނީ ޓިކެޓަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށެވެ. އެއީ މުޙައްމަދު ރާޝިދު ، ޔުނިވާސް ، ށ.ފޯކައިދޫ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.