ރަސްމީ ދަތުރުފުޅެއްގައި އިއްޔަ ރާއްޖެ ވަޑައިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
އެގޮތުން ޝައިހް ހަސީނާއަށް މަރުހަބާ ދެއްނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އަދި ޝައިހް ހަސީނާގެ އިއްޒަތުގައި ޖުމްހޫރީ މައިދާނުގައި ސިފައިން އޮނަގާޑެއް ދީފައިވާއިރު 21 ބަޑީގެ ސަލާމެއްވެސް ދީފައިވެއެވެ.
އޭގެފަހުން ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައެވެ. އަދި އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތްކޮޅުގައި ސޮއި ކުރެއްވުމަށްފަހު ވަނީ ރައީސް ސޯލިހްއާ ބައްދަލުކުރެއްވުން ފައްޓަވާފައެވެ. އަދި އޭގެފަހުން ދެގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވޭނެކަމަށާއި، އަދި އެއްބެސްވުންތަކުގައި ސޮއި ކުރުން ކުރިއަށްދާނެކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހް ހަސީނާ މިއަދު ނައިބު ރައިސް ފައިސަލް ނަސީމް، އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާ، މަޖިލީހުގައި ތަގުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.