Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

މީދޫ މަތިކިޅީގެ މަރާމާތަށް އިޢުލާންކޮށްފި

މަތިކިޅި އީކޯ ގަރޑަން -- ފޮޓޯ/އެމްއީޖީ އެފްބީ

އައްޑޫ ސިޓީގެ މީދޫ އަވަށު މަތިކިޅި އިކޯ ގާރޑެން މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.

ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް މިމަސައްކަތަށް ދަޢުވަތު ވަނީ ހުޅުވާލެވިފައެވެ.

އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑެންގެ މަރާމާތުގެ މަސައްކަތަށް ހުއްދަ ނުލިބި ލަސްވުމުގެ ސަބަބުން އަވަށުގެ ގިނަ ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެތަނުގެ ހާލަތުން ގޯހުން ގޯހަށް ދިއުމުގެ ސަބަބުން އެތަނުގެ ނަފާ ހެޔޮގޮތުގައި ނުލިބި އޮތުމުން ގިނަ ރައްޔިތުން ދިޔައީ އެ ވާހަކަތައް މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

މަތިކިޅި އިކޯ ގާޑެންގެ މަރާމާތުގެ މަސައްކަތުގެ ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 ޑިސެންބަރު 26 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ދެމެދު އައްޑޫ ސިޓީ ކައުންސިލަށް އީމެއިލްކޮށްދެއްވުން އެ އިދާރާއިން ވަނީ އެދިފައެވެ. އަދި އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2022 ޖަނަވަރީ 02 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ބިޑް ޑޮކިއުމަންޓް 2021 ޑިސެންބަރު 26 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމަޔަށް ގަންނަން ލިބެން ހުންނާ ކަމަށާއި ބީލަމުގައި ބައިވެރިވުމަށް ތިންސަތޭކަ ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2022 ޖަނަވަރީ 06 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައި ކަމަށް އެ އިދާރާގެ އިއުލާނުގައި ވެއެވެ. މި ޖުމުލައަށް ފިތާލުމުން އިއުލާންގެ ލިންކު ފެންނާނެއެވެ.

މީދޫ މަތިކިޅި އިކޯ ގާޑެނަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ އެތަނަކީ ހިމާޔަތްކުރެވިފައިވާ ތަނެކެވެ. އަދި އެތަން ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލާއެވެ.