Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އޮންލައިން އަޑުއެހުމެއްގައި އަމަލުކުރިގޮތުން ކޯޓުގެ އިންޒާރެއް ފުލުހުންނަށް

ކްރިމިނަލް ކޯޓު --

ކްރިމިނަލް ކޯޓުގައި މީހެއްގެ ބަންދު މުއްދަތާ ގުޅިގެން އޮންލައިންކޮށް ބޭއްވި އަޑުއެހުމެއްގައި ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން ކޯޓުން ފުލުހުންނަށް އިންޒާރެއް ދީފިއެވެ.

ކްރިމިނަލް ކޯޓުގައި އިއްޔަ ކުރިއަށްދިޔަ ބަންދު އަޑުއެހުމެއްގައި އޮންލައިންކޮށް ބައިވެރިވި ފުލުހަކު ވާހަކަ ދައްކަމުންދިޔައިރު، އިތުރު މީހަކު މީނާއަށް އަމަލުކުރާނެގޮތް ކިޔައިދެމުން ދާކަން އަޑުއެހުން ކުރިއަށްގެންދެވި ގާޒީ ދީބާނާޒް ފަހުމީ ފާހަގަކުރެވިގެން، ފުލުހުންގެ ފަރާތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވި ކޮޓަރީގައި، ކޯޓަށް ނޭނގޭގޮތަށް އަދި ސްކްރީނަށް ނުފެންނަގޮތަށް މީހަކު އިންތޯ ސުވާލުކުރުމުން، ޝަރީއަތަށް ނުފެންނަގޮތަށް އިތުރު މީހަކު އިންކަމަށް ބުނެފައިވެއެވެ.

ސްކްރީނަށް ނުފެންނަގޮތަށް ފުލުހަކު ހުރިކަމަށް ބުނުމުން، އެ މީހަކު ސްކްރީނުން ފެންނަގޮތަށް އައުމަށް ޝަރީއަތުން އެންގުމުން އެ ފުލުސްމީހާ ސްކްރީނުން ފެންނަ ހިސާބަށް އައިސް ގޮނޑީގައި އިށީނުމުން، ޝަރީޢަތުގެ ހުއްދައެއް އަދި އެނގުމެއްނެތި މީހުން ނުވެއްދޭނެކަން ނޭނގޭތޯ ޝަރީޢަތުން ސުވާލުކުރުމުން، އެގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިނުވެވޭކަން އެނގޭކަމަށް އެ ފުލުސްމީހާ ބުނެފައިވެއެވެ. އަދި އެކަން އެނގިހުރެ އެގޮތަށް ޢަމަލުކުރި ސަބަބު ޝަރީޢަތަށް ސާފުކޮށްދިނުމަށް އެންގުމުން، އިންވެސްޓިގޭޝަން އޮފިސަރއަކީ ބަންދު މަޖިލީހުގައި މައްސަލަ ހުށަހެޅުމަށް އައު މީހެއްކަމަށްވާތީ، އެހީތެރިވެދިނުމަށް ސްކްރީނަށް ނުފެންނަގޮތަށް އިންކަމަށް ސީނިއަރ ސާރޖަންޓް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ޝަރީއަތުން ވަނީ އަލަށް އަންނަ އިންވެސްޓިގޭޝަން އޮފިސަރަކަށް އެހީތެރިވުމަށްޓަކައި، އޭނާއާ ޖެހިގެން އިންނަ ގޮނޑީގައި ސްކްރީނަށް ފެންނަ ގޮތަށް ބައިވެރިވެވޭނެކަން ފާހަގަކޮށްފައެވެ. ފުލުހުން ވަނީ އެކަމަށް މާފަށް އެދި އެ އަމަލު ތަކުރާރު ނުވާނެކަމަށް ބުނެފައެވެ. ފުލުހުން މާފަށް އެދުމުން އެ މައާފު ޝަރީއަތުން ބަލައިގެންފައިވީނަމަވެސް، ފުލުހުންނަކީ ޤާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭ އަދި ޤާނޫނު ތަންފިޒުކުރާ ފަރާތްކަމަށްވާއިރު، ޝަރީއަތުގެ އުސޫލުތަކާ ހިލާފަށް އަމަލު ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަން އަޑުއެހުން ކުރިއަށްގެންދެވި ގާޒީ ދީބާނާޒް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި މިއީ މިގޮތަށް މެދުވެރިވި ފުރަތަމަ ފަހަރު ނޫންކަމަށާއި، އިތުރަށް މި އަމަލު ތަކުރާރުވެއްޖެނަމަ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި، ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަން އަންގާފައިވެއެވެ.

މީގެކުރިން ބަންދު އަޑުއެހުމެއްގައި ބައިވެރިވި ފުލުހަކު ޝަރީއަތުގެ މާލަމުގައި އެއްޗެއް ކެއުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅާ ފުލުހުންގެ އިދާރާ ޖުރިމަނާވެސް ކޮށްފައިވެއެވެ.