Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ބަންގްލަދޭޝްއިން ދިވެހިންނަށް އޮންއަރައިވަލް ވިސާ ދެނީ

ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝަށް ދަތުރުކުރާ ދިވެހިންނަށް އެޤައުމުން އޮންއަރައިވަލް ވިސާ ދިނުމަށް ނިންމާފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ހާމަކުރައްވައިފިއެވެ.

ޝޭހް ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ރައިސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށްގެންދެވި ރަސްމީ ބައްދަލުވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވަނީ ދިވެހިންނަށް ބަންގްލަދޭޝްއިން އޮންއަރައިވަލް ވިސާ އަދި ދަރިވަރުންނަށް ދިގު މުއްދަތަށް ސްޓޫޑަންޓް ވިސާ ހަމަޖައްސައިދިނުމަށް އެދިފައިވާކަން ހާމަކުރައްވާފައެވެ.

އެކަމާ ގުޅިގެން ޝޭހް ހަސީނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތު މިހާރު ރަނގަޅުވެފައި ވުމުން ދިވެހިންނަށް އޮންއަރައިވަލް ވިސާ ދިނުމަށް ނިންމާފައިވާކަމަށެވެ.

މީގެއިތުރުން ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ޑާކާ އާއި މާލެއާ ދެމެދު ދަތުރު ފަށުމުގެ ވިސްނުން ގެންގުޅުއްވާކަންވެސް ހަސީނާ ހާމަކުރައްވާފައިވެއެވެ.

ރައީސް ސޯލިހްގެ ދައުވަތަކަށް ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްވެސް މިއަދު ބަދަލުކޮށްފައިވެއެވެ. އެގޮތުން އެއްބަސްވުން ބަދަލުކޮށްފައިވަނީ، ދެގައުމުގެ ދެމެދުގައި ޒުވާނުންނާއި ކުޅިވަރާއި ގުޅޭދާއިރާގެ އެމްއޯޔޫއެއްގައި ސޮއިކުރުމާއި، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަންއާ ގުޅޭ އެއްބަސްވުމަކާއި ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރުމުގެ އެއްބަސްވުމެއް އަދި އަސްކަރީ އުޅަނދު ދިނުމާ ގުޅޭގޮތުންނެވެ.