Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ހައްލަކީ އައްޑުއަށް މިނިވަންކޮށް އޮޕަރޭޓްކުރާ ފްލައިޓެއް އޮތުން: މޭޔަރު ނިޒާރު

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް: ފޮޓޯ - ޕީއެސްއެމް

މޯލްޑިވިއަނުން ގަމުން މާލޭގެ ދަތުރުތަކަށް ޖާގަ ލިބުމުގައި އޮތް ހައްލަކީ އައްޑުއަށް މިނިވަންކޮށް އޮޕަރޭޓްކުރާ ފްލައިޓެއް އޮތުން ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ، އިންވެސްޓަރުންނާއި ވިޔަފާރިވެރިން ގުޅިގެން އައްޑުއަށް ނިސްބަތްވާ ފްލައިޓެއް އޮޕަރޭޓްކުރުން ރަނގަޅު ކަމަށެވެ. އަދި މިކަމަކީ މާކެޓް އޮތްކަމެއްގެ ގޮތުގައިވެސް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ.

"ކައުންސިލުން އިސްވެ ވެސް ރަނގަޅު މިކަމަށް މަސައްކަތްކުރަން. ގޭން އެއަރޕޯޓުންވެސް ހީވަނީ މިކަމަށް އެއްބާރުލުން ދޭނެހެން"؛ ނިޒާރު ވިދާޅުވި އެވެ.

އައްޑޫއިން މާލެ ދަތުރުކުރާ ފަރާތްތަކަށް ޓިކެޓް ލިބުމުގައި ދަތިތައް ހުރުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ގަމުން މާލެއަށް ދުވާލެއްގެ މައްޗަށް 5 ފްލައިޓް އޮންނައިރު، މޯލްޑިވިއަނުން ބުނަނީ ހުރިހާ ފްލައިޓެއްވެސް ފުލް ކަމަށެވެ.