Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

215 ކިލޯ ޑްރަގްސް މައްސަލައިގައި ހިމެނޭ ދެ މީހުންގެ މައްޗަށް ދައުވާކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހިމެނޭ ދެ މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

14 އޮކްޓޫބަރު 2021 ދުވަހު ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ބޭރުން، ރާއްޖެއަށް ގައިގަނޑަކަށް 215 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރި / ފިނިފަރު ޢަލީ ޝާކިރު އަދި ރ. މަޑުއްވަރި / ފެހިއަލި ނިމާލް ޢަބްދުލްޙާރިޘްއެވެ. އެ ދެމީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ދައުވާ ކުރުމަށް 19 ޑިސެންބަރު 2021 ދުވަހު ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

މިމައްސަލައިގައި ޢަލީ ޝާކިރު އަދި ނިމާލް ޢަބްދުލްޙާރިޘްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އަލީ ޝާކިރުގެ މައްޗަށް ވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 125 ވަނަ މާއްދާގެ ދަށުން ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ.

މިއޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2021 އޮކްޓޯބަރ 15 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށެވެ. މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.