Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮމަންޑޫ ދާއިރާގެ އެމްއެންޕީ ޓިކެޓް ހަންނާނަށް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވަސް ނޭޝަނަލް ޕާޓީގެ(އެމްއެންޕީ) ޓިކެޓް އަބްދުލް ހަންނާން އިދުރީސް ކަށަވަރު ކުރައްވައިފި އެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

އެމްއެންޕީން ބުނީ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ހަންނާން އެކަނި ކަމަށެވެ. އޭނާ އަކީ ތައުލިމީ ދާއިރާގައި ފާހަގަކޮށްލެވޭ ވަޒީފާތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްއެންޕީން ބުނެ އެވެ.

އެމްއެންޕީގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެސް ބައި އިލެކްޝަންގެ ޕްރައިމަރީ ބާއްވާކަށް ނުޖެހެ އެވެ. އެމްޑީޕީގެ ފަރާތުން ޕްރައިމަރީ އަކާ ނުލައި ޓިކެޓު ކަށަވަރު ކުރީ އަހުމަދު ރާޝިދު އެވެ.

ދެން މި އިންތިހާބުގައި ވާދަ ކުރާކަން އިއުލާނު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ. އެކަމަކު އަދި މިހާތަނަށް ކެންޑިޑޭޓަކު އިއުލާނުކޮށްފައެއް ނުވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.