ނޫރުލް އިސްލާމް ޖަމިއްޔާއާއި ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޤާއިމު ކުރެވިފައިވާ މަރްކަޒުލް ފުރްޤާން ލިތަޢުލީމިލް ޤުރްއާން އަދި މަރަދޫ ތަދްރީސުލް ޤުރްއާން ގުޅިގެން އައްޑޫގައި ޢިލްމީ ކޯސްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ނޫރުލް އިސްލާމްއިން ބުނެފިއެވެ.
ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ، އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން 11 އަށެވެ.
އޭނާ ވިދާޅުވީ މިފަހަރު ހިންގުމަށް ޤަޞްދު ކުރެވިފައިވަނީ، ވާހަކަ ދެއްކުމާއި މީހުންނާއި މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދޭ ކޯހަކާއި، އަލިފުބާ ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރާ ކޯހަކާއި، އަދި ޢަޤީދާގެ ކޯހެކެވެ.
މި ކޯސްތަކުގެ ތެރެއިން އަލިފުބާ ކިޔަވައިދޭނެގޮތް ދަސްކޮށްދޭ ކޯހުގައި ތަޖުވީދުގެ ބައެއްވެސް އެކުލެވިފައިވެއެވެ.
މިކޯސްތަކުގައި ކިޔަވައި ދެއްވަނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރި ބޭފުޅުންނެވެ.
މިކޯސްތައް ހިންގެވުމަށް މަރްކަޒުލް ފުރްޤާން އިން ވަޑައިގެންނެވި 6 ބޭފުޅުންގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ، ޔަމަނާއި ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރި ބޭފުޅުންނެވެ. މި ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ، މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީގެ ލެކްޗަރާރ އެކެވެ.
މިކޯސްތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ކޯހެއްވެސް، މަރަދޫ އަދި ހިތަދޫގައި ވަކިވަކިން އޮންނާނެއެވެ.
އެގޮތުން އާދީއްތަ ދުވަހުގެ ދެ ސެޝަނާއި، ހޯމަ ދުވަހުގެ ދެސެޝަނުގައި މަރަދޫ ތަދްރީސުލް ޤުރްއާނުގައި އޮންނާނީ، އަލިފުބާ ކިޔަވައިދޭން ދަސްކޮށްދޭ ކޯހެވެ.
އާދީއްތަ ދުވަހު ހިތަދޫގައި ފުރަތަމަ ސެޝަންގައި އޮންނާނީ ހުށަހެޅުމުގެ ހުނަރުގެ ކޯހެވެ. އަދި ދެވަނަ ސެޝަންގައި އޮންނާނީ ޢަޤީދާ ކޯހެވެ. ހޯމަދުވަހު ހިތަދޫގައި ފުރަތަމަ ސެޝަންގައި އޮންނާނީ ޢަޤީދާ ކޯހެވެ. އަދި ދެވަނަ ސެޝަންގައި ހުށަހެޅުމުގެ ހުނަރު ކޯހެވެ.
އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ދެސެޝަނުގައިވެސް ހިތަދޫގައި އޮންނާނީ އަލިފުބާ ކިޔަވައިދޭން ދަސްކޮށްދޭ ކޯހެވެ.
އަންގާރަ ދުވަހު މަރަދޫގައި ފުރަތަމަ ސެޝަންގައި އޮންނާނީ ހުށަހެޅުމުގެ ހުނަރުގެ ކޯހެވެ. އަދި ދެވަނަ ސެޝަންގައި އޮންނާނީ ޢަޤީދާ ކޯހެވެ. ބުދަދުވަހު މަރަދޫގައި ފުރަތަމަ ސެޝަންގައި އޮންނާނީ ޢަޤީދާ ކޯހެވެ. އަދި ދެވަނަ ސެޝަންގައި ހުށަހެޅުމުގެ ހުނަރު ކޯހެވެ.
މަރަދޫގައި ބާއްވާ ކޯސްތަކުގެ ކިޔެވުން އޮންނާނީ މަރަދޫ ތަދްރީސުލް ޤުރްއާނުގައެވެ. ހިތަދޫގައި ކޯސްތަކުގެ ކިޔެވުން އޮންނާނެ ތަނެއް ކަނޑައަޅަން އެނގޭނީ، ބައިވެރިންގެ ޢަދަދަށް ބަލާފައިކަމަށް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.
މިކޯސްތައް ހިންގެވުމުގެ އިތުރުން މި ވަފްދުގެ ޢިލްމުވެރިން، ހިތަދޫ މަސްޖިދުލް އިކްރާމްގައްޔާއި މަރަދޫ ބުރުޒު މިސްކިތުގައި ޕްރޮގްރާމްތައް ހިންގަވާނެއެވެ.
މިކޯސްތައް ފުރިހަމަ ކުރައްވާ ބޭފުޅުންނަށް މަރްކަޒުލް ފުރްޤާންގެ ފަރާތުން ސެޓްފިކެޓް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
ނޫރުލް އިސްލާމްއިން ބުނީ މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ހަމަވެފައިވާކަމަށެވެ. އަދި މިކޯހަށް ގިނަ ބައެއްގެ ތަރުހީބް ވަނީ ލިބިފައެވެ.