Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އައްޑޫ ކައުންސިލުން ހުޅުދޫ-މީދޫ ވަކިކުރަން ހުށަހަޅަން ރޮޒެއިނާ ތައްޔާރު

ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ކަމެއް ނިންމުމުގައި މި ދެ އަވަށުގެ ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް އައު ކައުންސިލާއެކު ނިމުމެއް އަންނާނެކަމަށް އުންމީދު ކުރި ކަމަށާއި ނަމަވެސް މި ޝަކުވާތަކަށް ނިމުމެއް އައިސްފައި ނުވާކަމަށް ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ހުޅުދޫ އަދި މީދޫ އޮތުމުން މި ދެ އަވަށުގެ ރައްޔިތުންނަށް ވަނީ ފާއިދާތޯ ނޫނީ ގެއްލުންތޯ ވިސްނާ ބަހުސްކޮށް ހައްލު ހޯދަންވެއްޖެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލާ ވަކިވުމާމެދު ދެކޭގޮތް ހިއްސާ ކޮށްދެއްވުމަށްވެސް އޭނާ ވަނީ އެދިފައެވެ.

"އެއަށްފަހު ސިޓީން ވަކިވުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށްވާނަމަ ފެބްރުއަރީގައި މަޖިލިސް ހުޅުވޭއިރު މިކަން ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ހުށަހަޅާނަން" ރޮޒެއިނާ ވިދާޅުވި އެވެ.

ހުޅުދޫ އަދި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. މެމްބަރު ރޮޒައިނާ އަކީ މީދޫ އަދި މަރަދޫފޭދޫ ތަމްސީލުކުރާ މެމްބަރެވެ. ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަކީ އިލްޔާސް ލަބީބެވެ.

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދޫއާ މެދު ތަފާތުކުރުން ގެންގުޅޭތީ މީގެ ކުރިންވެސް އެ ދެ އަވަށުގެ ރައްޔިތުން ވަނީ މި މައްސަލަ ފެންމަތިކޮށްފައެވެ.