ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ބާއްވައިފިއެވެ.
ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.
މި ދުވުމާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕަރސަންސް ވިތް ޑިސަބިލިޓީސް (އެމް.އޭ.ޕީ.ޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި ފައިސާ އެމް.އޭ.ޕީ.ޑީ އާއި ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއަރމަން ޔޫޝައު ސައީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދުއެވެ.
ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި އެމް.އޭ.ޕީ.ޑީ އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގަމުންދާ "ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއަރ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށްވަނީ ހަމަޖެހިފައެވެ.
"ޓީއެފްޖީ އާ އެކު މި ދުވުން މިއަހަރަވުސް ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ބާއްވާ ހާއްސަ ހަރަކާތެއް. އަދި މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް." ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.
އުމުރުފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި 2 ކިލޯމީޓަރާއި 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު މެޑަލް ދީފައިވެއެވެ.