ޅ. މޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަައިފިއެވެ.
މަޑިވަރުގައި ތަރައްޤި ކޮށްފައިވާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓް ޖައްސާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ.
އެ ފްލައިޓުން ވަޑައިގެންނެވި ސަރުކާރުގެ އެކި އިސްފަރާތްތަކަށް މަރުހަބާ ދަންނަވާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު)އެވެ.
މަޑިވަރު އެއާޕޯޓް ތަރައްޤީ ކޮށްފައިވަނީ ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުންނެވެ. މި ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ކުރެއްދޫ ހޯލްޑިންގްސް އިން މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުންޏާއެވެ.
މަޑިވަރުގައި ތަރައްގީކޮށްފައިވަނީ 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. އެ މަޝްރޫއުގެ ދަށުން ޓާމިނަލާއި، އެއާ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔާ ބިލްޑިންގެއް ހެދުން ހިމެނެ އެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ގިނަ އިމާރާތްތަކުގެ މަސައްކަތް ވެސް ވަނީ ނިމިފަ އެވެ.