Last Updated: June 30, 06:12
Tuesday, June 30, 2026
ރިޕޯޓް

ޔާމީންގެ ދަތުރާ އެކު އައްޑު އަށް މާޔޫސްކަން!

ރައީސް ޔާމީން އައްޑޫގެ ސަޕޯޓަރުންނާ ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލް އިންތިހާބްގެ އެންމެ ފަހު ވަގުތުކޮޅާ ދިމާކޮށް މިހާރުގެ ރައީސް އައްޑު އަށް ވަޑައިގެންނެވީ އެ މަނިކުފާން ރައީސްކަމާ ހަވާލުވެޑައިގެން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅާ އެކު ވެސް މެއެވެ.

ފޯރިގަދަ އިންތިހާބަކުން އެމަނިކުފާން ރައީސް ކަމަށް އާދެވުނީ އައްޑޫން ގިނަ ވޯޓުތަކެއް ލިބިގެންނެވެ. އެކަން އެ މަނިކުފާން ގަބޫލް ކުރައްވާކަން ބުރާސްފަތި ދުވަހުގެރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ރައީސް ޔާމީންގެ ސަރުކާރުން އައްޑު އަށް އޮތީ ކޮން ތަރައްޤީއަކާއި ތަސައްވުރެއްތޯ އެވެ؟ ޔާމީންގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ވިދާޅުވި ވާހަކަފުޅު އެ ރޭގެ ޖަލްސާގައި ތަކުރާރު ކުރެެއްވި އެވެ. އައްޑުއަކީ ދެކުނު ތަރައްޤީގެ މައި މަރުކަޒަށް ހައްދަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު އަލުން ތަކުރާރު ކުރެއްވި އެވެ.

ޖުމްލަ 45 މިނިޓަށް ދެމިގެން ދިޔަ އެވާހަކަފުޅު ބޮޑަށް އަމާޒުވެފައި ވަނީ ތަފާތު މުއައްސަސާތަކަށް ބަހުން ހަމަލާ ދެއްވުމަށެވެ. މީޑިއާ އަށާއި، ރައްޔިތުންގެ މަޖިލީހަށް އަދި ޝަރުއީ ދާއިރާއަށް ފާޑު ކިއުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބްގެ އެންމެ ފަހު ވަގުތު ރައީސް ޔާމީންގެ ފަރާތުން ރައްޔިތުން އަޑު އަހަން އެންމެ ބޭނުންވި ވާހަކަ ނީވުމުން ރައްޔިތުން ތިބީ މާޔޫސްވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީވުމަކީ އައްޑޫ އާއި ދެކުނު ތަރައްޤީގެ އެންމެ މުހިއްމު ބައި ކަމަށެވެ. އެކަން އައްޑޫގެ އެންމެ ކުޑަކުއްޖާ ވެސް ގަބޫލް ކުރެ އެވެ.

އޭރު ހުއްޓިފައި އޮތް އެއާޕޯޓް ހިއްކުމުގެ މަޝްރޫ އާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ ކަމަކަށް މިހާރުގެ ސަރުކާރުން ކުރަން ޖެހޭ ކަމެއް ނެތް ކަމަށެވެ. ހުރިހާކަމެއް ވެސް އޮތީ އެއާޕޯޓް ކޮމްޕެނީ އަށް ކަމަށެވެ. އެވާހަކަ އެ މަނިކުފާން ވިދާޅުވި މޭރުމުން ރައްޔިތުންގެ ހިތްތައް ކުދިކުދިކޮށްލި އެވެ.

ދެން ވިދާޅުވީ ފެނާއި ނަރުދަމާ އަޅަން މި ފަހަރު ވެސް ބަޖެޓް ކުރި ވާހަކަ އެވެ. އެކަމުގެ ތަފްސީލަކަށް ވަޑައިނުގަތުމުން އެ ކަމަށް ސަރުކާރުން އަދި ތައްޔާރުވެފައި ނުވާކަން އެނގެ އެވެ.

އިސްމެހެލާ ހެރަ ރިސޯޓެއް ގޮތަށް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ވާހަކައާއި އެކަމަށް ބޮޑު ދެ އިންވެސްޓަރަކު ކުރިމަތި ލާފައިވާ ކަމަށް ޓޫރިޒމް މިނިސްޓަރ ވިދާޅުވީ ރައީސްގެ އައްޑޫ ދަތުރުފުޅުގެ ދެ ދުވަސް ކުރިންނެވެ.
ރައީސް ޔާމީނަށް އިސްމެހެލަ ހެރަ އެނގިވަޑައިގެންފައި ވަނީ "އިސްމެހެލް ހުރާ"ގެ ގޮތުގަ އެވެ. އެމަނިކުފާނު ވިދާޅުވީ "އިސްމެހެލް ހުރާ" މި ސަރުކާރުން ހަދާނެ ވާހަކަ އެވެ.

އީސީސީ އާ ގުޅޭ ގޮތުން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވި ވާހަކަފުޅާ ދާދި އެއްގޮތް ވާހަކަފުޅެކެވެ. ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި އެތަން ތަރައްޤީ ކުރާ ވާހަކަ އެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އީސީސީ ހިމެނޭ ސަރަހައްދު "ފަޅު" ރަށެއްކަމަށްވާ "ހައްދޫ"ގެ ނަމުގައި އުފެއްދުމުން އެ ސަރަހައްދުން އެތައް ސަތޭކަ ގޯތި ވަނީ ސަރުކާރަށް ނެގިފަ އެވެ.
އެހެންވެ ބޯހިޔާވަހި ކަމަށް އެދި ތިބި އެތައް ބަޔަކަށް އަނެއްކާ ވެސް ގޯތި ލިބޭނެކަމުގެ އުއްމީދު ގެއްލުނެވެ. އީސީސީ ބީލަމަށްލީ ރައިސް ޔާމީން އައްޑޫއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރިންނެވެ.

އެ މަނިކުފާންގެ ވާހަކަފުޅުގައި ދެން ވިދާޅުވީ ޒުވާނުންނަށް ހާއްސަ ކުޅިވަރު އެރިނާތަކާއި ކޮމްޕްލެކްސްތައް މި އަހަރު ނިމުމުގެ ކުރިން ބިނާކޮށް ދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނެގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުންގެ ކުށުގެ ރިކޯޑް ސާފުކޮށް މުޖްތަމަ އަށް ނެރޭނެ ކަމަށެވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލް ހޯލްގައި "އައްޑޫ ރައްޔިތުންނާ އެކު" ފުރަތަމަ ބޭއްވި ބައްދަލުވުގައި އެ މަނިކުފާން އައްޑޫއަށް އާ ކަމެއް ކޮށްދެއްވަން ވައުދުވެފައެއް ނުވެ އެވެ. ކުރީގެ ސަރުކާރުން ކުރަން ފަށާފައިވާ ކަންކަން ނިންމޭނެ ތާރީހަކާއި އެކަމަށް މި ސަރުކާރުގައި ގެންގުޅުއްވާ ތަސައްވުރެއް ހިއްސާ ނުކުރައްވަ އެވެ.

އެރޭގެ ޖަލްސާއަށް ދިޔަ ބައެއް ފަރާތަކުން ބުނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ވާހަކަ އާއި އެ ހޮސްޕިޓަލް މި ސަރުކާރުން އަޅަން ފަށާނެ ތާރީހެއްގެ އުއްމީދުގައި ހުރެހުރެ އެ އަޑެއް ނީވުނު ކަމަށެވެ.

"އަހަރެމެން ހީކުރީ ހިތަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ ވަހަކަ އަޑު އިވޭނެ ކަމަށް. އަނެއް ކޮޅުން ބޯފެނާއި ނަރުދަމާގެ ކަންކަމާ ގުޅޭ ގޮތުން ވެސް އިވިގެން ދިޔަ ވާހަކައިން ލިބުނު ހިތްހަމަޖެހުމެއް ނެތް،" ޕީޕީއެމަށް ތާއިދު ކުރާ ދުވަސްވީ އުމުރުގެ މީހަކު ބުންޏެވެ.

އެ ރޭގެ ޖަލްސާގައި ތިބި ގިނަ ބަޔަކު އުއްމީދުކުރީ ރައީސް ޔާމީންގެ އައްޑޫ ތަސައްވުރު އެޖަލްސާ އިން އިވިގެން ދާނެ ކަމަށެވެ. އެކަމަކު އެވާހަކަ ނީވުމުން ރައްޔިތުންގެ މާޔޫސްކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އެކަމުގެ އަސަރު ލޯކަލް ކައުންސިލް އިންތިހާބުން ވަނީ ފުރިހަމަަ އަށް ފެނިގޮސްފަ އެވެ.

ރައީސް ނަޝީދު އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުގައި ވިދާޅުވި ގޮތަށް އިއްޔެ ނިމުނު ލޯކަލް ކައުންސިލް އިންތިހާބުން ފެނުނީ "ޕީޕިއެމަށް ވޯޓް ދޭނެ ބަޔަކު އައްޑޫގައި ނެތް" ކަމާއި "އަމުދުން އަޢުލަބިއްޔަތު ވެސް ދޭނެ ބަޔަކު ނެތް" ކަމެވެ.

ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމުގެ ސަރުކާރުން ވެސް އައްޑޫގެ ތަރައްޤީ ވަނީ ވަރަށް ބޮޑަށް މަޑުޖައްސާފަ އެވެ. "ރަން 30 އަހަރުގެ ބާނީ" އަށް އައްޑޫއަށް ކަންކަން ކޮށްދެވިަފއި ވަނީ ކޮންމެ ފަސް އަހަރުން އެއް ބިންގަލެވެ.
ރައީސް މައުމޫނު އައްޑު އަށް ގެންނަން އުޅުއްވި ރިސޯޓްގެ މަސައްކަތް ކާމިޔާބްވީ 30 އަހަރު ފަހުންނެވެ. އެހެންވެ މައުމޫނާއި އޭނާގެ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަނީ ވެސް އައްޑޫންނެވެ.

ރައީސް މައުމޫނުގެ ޒައާމަތުގެ ދަށުގައި އޮތް ޕީޕީއެމްގެގެ ވެރިކަމެއްގައި ރައިސް ޔާމިން އައްޑު އަށް ތަރައްޤީއެއް ނުގެންނާނެ ކަމަށް ބުނާ މީހުންނަށް އެރޭގެ ޖަލްސާއަކީ އޭގެ ހެއްކެކެވެ.

ހޮސްޕިޓަލާއި، އައްޑޫގެ ތައުލީމާއި، ބަނދަރު ތަކާއި، އަސާސީ ހިދްމަތުގެ ވާހަކައިގެ ބަދަލުގައި އައްޑު އާ ނުގުޅޭ ވާހަކަތަކުން އައްޑޫ ރައްޔިތުން ވަނީ ވަރަށް ބޮޑަށް މާޔޫސް ކުރުވާފަ އެވެ. މިކަމުގެ އަސަރު ކުރިއަށް އޮތް މަޖިލިސް އިންތިހާބުން ފެނުމަކީ ދުރު ކަމެއް ނޫނެވެ.