ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރާތްކުރުމުގެ ލަނޑުދަނޑިއާ ގާތަށް ދެވިފައިވާކަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2021 ވަނަ އަހަރުގެ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް އަމާޒު ހިފާފައި އޮތް ތާރީހުގެ ދެ މަސްކުރިން 29 އޮކްޓޯބަރު 2021، އެ އަމާޒަށް ވާސިލުވެވިފައިވާކަމަށެވެ.
ރާއްޖެއިން މިހާރު ގުނަމުން އަންނަނީ 1.3 މިލިއަން ޓޫރިސްޓުން ގެ އުންމީދީ ޓާގެޓަށް ވާސިލްވުމުގެ ދުވަސްތައްކަން ފާހަގަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ ލަނޑުދަނޑި ހުރަސްކުރުމުގެ ފުރުސަތު ބޮޑީ އަންނަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން ރާއްޖެއަށް މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، 113،367 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު 1،271،020 އަށް ވަނީ އަރާފައެވެ.