Last Updated: April 18, 09:13
Thursday, April 18, 2024
ޚަބަރު

އައްޑޫ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކި ކުރުމަށް ބޮޑު ކެމްޕޭނެއް

އައްޑޫ ސިޓީ ހުޅުދޫ

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހުޅުދޫ އާއި މީދޫ އަވަށް ވަކިކުރުމަށް އެދި އެ ދެ އަވަށުގެ ރައްޔިތުން ބޮޑު ކެމްޕޭނެއް ފަށައިފިއެވެ.

އައްޑޫގެ މި ދެ އަވަށާމެދު ކައުންސިލުން އިހުމާލުވުމާ ގުޅިގެން މި ދެ އަވަށަށް ވަކިން ކައުންސިލެއް އުފެއްދުމަށް ރައްޔިތުންގެ ޚިޔާލު އަންނަނީ ހޯދަމުންނެވެ. އަދި މަޖިލީހުގެ ތެރެއިން މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީ މީދޫ އަދި ހުޅުދޫގެ ހަރު ބޭފުޅުން ވަނީ މި ކެމްޕޭނަށް ފުރިހަމައަށް ތާއިދުކުރައްވާފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން މި ދެ އަވަށާމެދު ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް ވަކިން ރަށު ކައުންސިލެއް އުފެއްދުމަށް ގިނަ ބަޔަކު އަންނަނީ ވަކާލާތު ކުރަމުންނެވެ.

"އަޅުގަނޑުމެން ބޭނުމީ އަމިއްލަ ކައުންސިލެއް. އަހަރެމެންގެ ކައުންސިލް އޮންނަން ވާނީ އަހަރެމެންނަށް" މީދޫ ރައްޔިތަކު ބުންޏެވެ.

މީގެއިތުރުން، ހުޅުދޫގެ އިސް ރަށްވެއްސަކު ވަނީ މި ކެމްޕޭނަކީ އެ އަވަށަށް ފާއިދާހުރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އައްޑޫ ސިޓީ ކައުންސިލާ ވަކިވުމުން އަޅުގަނޑުމެންނަށް ވާނީ ފާއިދާ. ރަށު ކައުންސިލެއް އޮތުމުން ރަށުގެ ކަންކަން މާ ރަނގަޅަށް ބެލެހެއްޓޭނެ" އޭނާ ބުންޏެވެ.

މި ކެމްޕޭނަކީ އައްޑޫ ސިޓީ ބައިބައިވާނެ ކަމެއްގެ ގޮތުގައިވެސް ބައެއް މީހުން ދަނީ ސިފަކުރަމުންނެވެ. އެގޮތުން ހުޅުދޫ އާއި މީދޫ ވަކިވެއްޖެނަމަ، އައްޑޫގެ އެއްބައިވަންތަކަން ގެއްލޭނެކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި މިފަދަ ގޮތަކަށް ދެ ސަރަހައްދެއް އޮންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކ.އަތޮޅުގައި ވަކިން އަތޮޅު ކައުންސިލެއް އޮވެފައި މާލެ ސިޓީ ކައުންސިލެއްވެސް އޮވެއެވެ. އަދި ހދ.އަތޮޅުގައި ސިޓީ ކައުންސިލެއްގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް އޮންނަކަންވެސް ފާހަގަކޮށްލެވެއެވެ.