Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ބައިބައިވުމާއި، ނަފުރަތު އުފެދޭ ކަންކަމާއި ދުރުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ގޮވާލައިފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބައިބައިވުމާއި، ނަފުރަތު އުފެދޭ ކަންކަމާއި ދުރުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2004 ގެ ސުނާމީގެ ބިރުވެރި ހާދިސާއަށްފަހު ރާއްޖޭގައި މިދުވަސް ފާހަގަކުރަންފެށީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ކަމަށެވެ.

"އެމްޑީޕީ އާއި އެމްޑީޕީގެ ވާދަވެރިންވެސް ބައިބައިވުމާއި، ނަފުރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް މިއަދު އަޅުގަނޑު ގޮވާލަން." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައިސް ނަޝީދު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.

އެ ކެމްޕޭން ރާއްޖޭގެ އިތުރުން އެހެން ބައެއް ރަށްރަށުގައިވެސް ހިންގަމުން އަންނައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންނެވި ގޮތަށް އަންނަނީ އިންޑިއާ އައުޓް ކެމްޕޭންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އެ ކެމްޕޭންގައި އެމަނިކުފާު ރާއްޖޭގެ އެކި ރަށްރަށަށްވެސް އަންނަނީ ދަތުރު ކުރައްވަމުންނެވެ.