މާލޭގެ ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުންވާނެހެން ހޯމް މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް ބުނެ މާލެސިޓީ ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.
މާލެސިޓީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލެސިޓީގެ މިދައުރުގެ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނޮވެމްބަރު 16 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ވިނަ އިންދުމުގެ މަސައްކަތް ފަށައި މަސްދުވަސްތެރޭ އެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި ވިނަގަނޑު ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން ހަފްތާވަންދެން އެ ވިނަގަނޑުގެ ބޭނުންކުރުމަށާއި، ވިނަގަނޑު ހެދެން އަދި ވަގުތު ބޭނުންވާނެ ކަމަށް ސިޓީ ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކުގައި ހިއްސާކޮށްފައިވާކަމަށެވެ.
ސިޓީ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވަނީ، ޖުމްހޫރީ މައިދާނުގައި ޖަލްސާ ބޭއްވުމަށް، ޓެންޓްފަދަ ތަކެތި ބެހެއްޓުމަށް ވިނަގަނޑު ބޭނުންކުރުމަށް ހޯމް މިނިސްޓްރީން އެދުމުން އެކަމަށް ހުއްދަދެވެން ނެތްސަބަބު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްބަސްވެފައިވަނީ ވިނަގަނޑުގެ ބޭނުންކުރެވޭނީ ސިޓީ ކައުންސިލާއި ހޯމް މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާގެ މަތިން ކަމަށް ދެ ފަރާތުންވެސް އެއްބަސްވެފައިވާކަމަށެވެ.
"ޖުމްހޫރީ މައިދާނުގައި ޓެންޓް ފަދަތަކެތި ޖެހުން މި ކައުންސިލުން މަނާކޮށްފައިވަނީ ވިނަތައް ހެއްދުމަށްޓަކައި ވަރަށް ބޮޑެތި ޚަރަދުކޮށްފައިވުމާއި، ވިނަތަކަށް އެކަށީގެންވާގޮތަށް އަވިނުލިބޭނެހެން ޓެންޓް ޖަހާފައި ބެހެއްޓުމަކީ ވިނަގަނޑު ހަލާކުވެގެން ދާނެފަދަ ކަމެއް ކަމަށްވާތީއެވެ." މާލެސިޓީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
މާލެސިޓީ ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލްގެ އެންގުމަށް އިޚްތިރާމް ކުރުމެއްނެތި ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް ގެއްލުންވާނެފަދައިން ޓެންޓް ޖެހުމާއި އެހެނިހެން މަސައްކަތްތައްކޮށްފައިވާތީ އެކަން ކުށްވެރިކުރާކަމަށެވެ.