ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރާޓްސް (އެމްޓީޑީ)އިން ވާދަކުރުމަށް ނިންމުމަށްފަހު އެ ނިންމުން ބަދަލުކޮށްފިއެވެ.
އެމްޓީޑީން ބުނެފައިވަނީ މިއަދު ބޭއްވުނު އެމްޓީޑީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ނިންމާފައިވާކަމަށެވެ.
މިއަދު ބޭއްވުނު އެމްޓީޑީގެ ކައުންސިލު ބައްދަލުވުމުގައި މިވަގުތު އިންތިހާބެއްގައި ބައިވެރިވުމަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް މިޕާޓީ އިން ހުޅުވާލުމުން ކުރިމަތިލެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.
— Maldives Third-Way Democrats (@MTDSecretariat) December 27, 2021
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވަނީ އެޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައަޅާފައެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ރާޝިދު އިންތިހާބުގައި ވާދަކުރާއިރު، ޕީޕީއެމްގެ ޓިކެޓް ލިބިފައިވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު އަދާކުރައްވާފައިވާ މޫސާ ފަތުހީއެވެ. އަދި އެމްއެންޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ އަބްދުލް ހަންނާން އިދުރީސްއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.