Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ވަކިކުރަން ނިންމާފައިވަނިކޮށް އޭސީސީގެ ރައީސް އަދި މެމްބަރުން އިސްތިއުފާ ދެއްވައިފި

އޭސީސީގެ މެމްބަރުން - ފޮޓޯ: ރައީސް އޮފީސް

ވަކިކުރަން ނިންމާފައިތިބި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަދި ކޮމިޝަންގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަދި މެމްބަރުން ކަމަށްވާ ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވާފައިވަނި މިއަދުއެވެ. އެކަން އޭސީސީގެ ފަރާތުން "އައްޑޫލައިވް"އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެ މެމްބަރުން އިސްތިއުފާ ދެއްވިއިރު، އެ މެމްބަރުން ވަކިކުރުމަށް އިއްޔަ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޮތީ ނިންމާފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ، ކޮމިޝަނާ ގުޅޭ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހުއެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމަށް ކޮމިޓީން ނިންމުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއުލާނުވެސް ކޮށްފައިވެއެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު އިއްޔަ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިސް ވާޖިބަކަށްވީ، ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުން ކަމަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަންކުރުމުންވެސް އެކަން ފެނިގެންދާނެ ކަމަށެވެ.

އެގޮތުން ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި، ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ސާބިތުކޮށްދީފައިވާނެ ކަމަށާއި ކޮމިޝަނުގެ ތަޙުޤީޤުތައް ކުރިއަށްގެންދިއުމުގައި ވެސް ވަކި ސިޔާސީ ވިސްނުމަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއްނެތި ތަޙުޤީޤުތައް ކުރިއަށްގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިޔުންތައް ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވާ ކަމަށް އޭސީސީން ބުނެއެވެ.

"އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރެއެވެ. އަދި ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔައެވެ" އެ ބަޔާނުގައިވެއެވެ.