ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން މަަސައްކަތުގެ 59 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 37,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 152 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 45.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.