Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ނިއުކާސަލް އިން ޔުނައިޓެޑް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ އެހެން ޓީމުތަކަށް ވުރެ ދެ މެޗު މަދުން ކުޅެ 28 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. ނިއުކާސަލް އޮތީ 11 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.

ރޭގެ މެޗަކީ ކޮވިޑް-19 އާއި ގުޅިގެން 16 ދުވަހުގެ މެދުކެނޑުމަކަށްފަހު ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗެވެ. އެ މުއްދަތުގައި ނިއުކާސަލް އިން ތިން މެޗު ކުޅުނުއިރު އެ ތިން މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. ނަމަވެސް ރޭގެ މެޗުގައި ނިއުކާސަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ހަތްވަނަ މިނެޓްގައި އެލަން ސެއިންޓް މެކްސިމިން ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ނިއުކާސަލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު މެކްސިމިން އަށް ވަނީ ނިއުކާސަލްގެ ލީޑު ފުޅާކޮށްދޭން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ހުހަށް ހުރި މެކްސިމިން ޖައްސާލުމުން ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން ނިއުކާސަލްގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއަކަށްވީ މެޗުގެ 71 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ. މި ގޯލަށްފަހު ޔުނައިޓެޑަށް ލީޑު ނަގައިދޭން ވެސް ކަވާނީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

މެޗުގެ ފަހު 10 މިނެޓްތެރޭ ނިއުކާސަލް އިން ވަނީ މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ނިއުކާސަލްގެ މާފީ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އަލްމިރޯން ފޮނުވާލި ހަމަލާ ދިފާއުކުރީ ޑެހެޔާ އެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ބާންލީއާ އެވެ. ނިއުކާސަލް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.