Last Updated: March 28, 18:00
Thursday, March 28, 2024
ކުޅިވަރު

ލެސްޓާ އަތުން ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 1-0 އިން ލިވަޕޫލް ބަލިވެއްޖެ އެވެ.

ރޭގެ މެޗުން ބަލިވުމުން ލިވަޕޫލް މިހާރު އޮތީ 41 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ނަމަވެސް މިރޭ ކުޅޭ މެޗުން ލީގުގެ ތިންވަނައިގައި އޮތް ޗެލްސީ މޮޅުވެއްޖެނަމަ ލިވަޕޫލް ތިންވަނަ އަށް ވެއްޓޭނެ އެވެ. ރޭގެ މެޗުން މޮޅުވި ލެސްޓާ އޮތީ 25 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ލީޑު ނަގަން ލިވަޕޫލަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި އެ ޕެނަލްޓީ ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް މަތަކުރިއިރު، ދެން ވެސް ބޯޅަ ލިބުނީ ސަލާހަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އޭގެ ފަހުން ވެސް ލެސްޓާގެ އޭރިއާތެރެއިން ސަލާހު ޖެހި ބޯޅައެއް ޝްމައިކަލް މަތަކުރިއިރު ދެވަނަ ހާފް ފަށައިގެން ވެސް ލިވަޕޫލަަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން މުޅިން ހުސްކޮށް އޭރިއާތެރެއިން ސަޑިއޯ މާނޭ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލިވަޕޫލަށް ލީޑު ނަގަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 59 ވަނަ މިނެޓްގައި ލެސްޓާ އިން ލީޑު ނެގުމެވެ. މި ގޯލު ލެސްޓާ އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި އެޑެމޯލާ ލުކްމަން އެވެ. މި ގޯލާއެކު ލިވަޕޫލަށް ބަދަލުތަކެއް ގެނައި ނަމަވެސް ލެސްޓާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފަ އެވެ.

ރޭގެ މެޗުން ލިވަޕޫލް ބަލިވިއިރު މިއީ ލީގުގައި އެޓީމު ދެވަނަ މެޗެވެ. އެޓީމު އެންމެ ފުރަތަމަ ބަލިވީ ވެސްޓްހަމް އަތުންނެވެ.

ލީގުގައި ލިވަޕޫލް ދެން ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ލެސްޓާ ބައްދަލުކުރާނީ ނޯވިޗް ސިޓީއާ އެވެ.