Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ

ވޯޓު ފޮށި ބަންދުކޮށްފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުނެގުން ބްރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވަނީ، އިންތިޚާބާ ބެހޭ މަރުކަޒުގައި 30 ޑިސެންބަރު ވާ ބްރާސްފަތި ދުވަހުގެ ރޭގަނޑު 09:00 ގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ވަނީ އެޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައަޅާފައެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓުގައި އަހުމަދު ރާޝިދު އިންތިހާބުގައި ވާދަކުރާއިރު، ޕީޕީއެމްގެ ޓިކެޓް ލިބިފައިވަނީ މީގެކުރިން ހޯމް މިނިސްޓްރީގެ ޑެޕިއުޓީގެ މަގާމު އަދާކުރައްވާފައިވާ މޫސާ ފަތުހީއެވެ. އަދި އެމްއެންޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރަނީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.