Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު ބޯހިޔާވަހިކަން

މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް އެބައޮތް، ހުޅުމާލެއިންވެސް ގޯތި ދޭނަން: ރައީސް ސޯލިހް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

23 ރަށެއްގެ ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންގެ ހައްޤުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށާއި، އޭގެތެރެއިން އެއްމަސައްކަތަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުން ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަމަށާއި، އެކަމުގައި ރައްޔިތުންގެ ޝުއޫރުތަކަކީ ހަޤީޤަތުގައިވެސް އެކަން އޮތްގޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި އެކިއެކި ފައިދާ ހޯދުމަށްޓަކައި މިވާހަކަ ދައްކާ މީހުން އެބައުޅޭކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގެދޮރުގެ މައްސަލައަށްވެސް ހައްލެއް ހޯދައިދެއްވާނެކަމަށެވެ.

ހުޅުމާލޭގައި މިހާރުވެސް 5000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށްގެންދިއުމަށް މިސަރުކާރުން ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެން ގޯތި ދޭނީ ގުޅީފަޅުން އެކަންޏެއް ނޫން. ހުޅުމާލެއިންވެސް ގޯތި ލިބޭނެ، އަދި އެހެން ފަޅުތަކުންވެސް ލިބޭނެ. އަޅުގަނޑުމެން މިދައްކަނީ 1000 ގޯތީގެ ވާހަކައެއް ނޫން ދޭން. އޭގެ ދެގުނަ ތިންގުނަ، އިރާދަކުރެއްވިއްޔާ ހަތަރު ގުނަ ގޯތި މާލޭގެ ރަށްވެހިންނަށް މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅުގަނޑުމެން ކޮށްދޭނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް އޮތްކަމަށް ރައިސް ސޯލިހް ވިދާޅުވެފައިމިވަނީ، އެޗްޑީސީން ހުޅުމާލެ ބިންތަކެއް ބޮޑު އަގުގައި ވިއްކުމަށް ނިންމާފައި އޮތުމުން އެކަމުގައި އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.