މާލެސިޓީ ކައުންސިލުން ހުޅުމާލެގެ ބިމުގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސިޓީ ކައުންސިލުން އިސްތިއުނާފު ކޮށްފިއެވެ.
އެޗްޑީސީއަށް ހަދާދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކުރުމުން، އެޗްޑީސީންވަނީ އެ މައްސަލަ ސިވިލްކޯޓަށާއި އެލްޖީއޭއަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި އެލްޖީއޭއިން ނިންމާފައިވަނީ، ރަޖިސްޓްރީ ބާތިލުކުރުމަށް މާލެސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ، އެ ކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުންވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެތީ މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.
މާލެސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ އެ ވަގުތީ އަމުރު މިއަދު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށެވެ.
އެޗްޑީސީ އާއި ސިޓީ ކައުންސިލްގެ ދެމެދުގައި ކޯޅުން ބޮޑުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އުޅުމުން ހުއްދަ ނުނަގައި ހުޅުމާލޭގައި ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އެޗްޑީސީން އެންގި ހިސާބުންނެވެ. އިދިކޮޅުން އެންމެފަހުން އެ ޖަލްސާ ބޭއްވީ މާލޭގެ ކާނިވާ ސަރަހައްދުގަ އެވެ.