މަސްމިރުސް ޕެކެޓްތަކެއް ވަގަށްނެގި ދެ މީހެއްގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި 39 އަހަރުގެ އަދި 33 އަހަރުގެ ދިވެހި ފިރިހެނެއްގެ ބަންދު މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެ ކޯޓުން އިއްޔަ އެ ދެމީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު، މިމައްސަލައިގައި ތުހުމަތުކުރާ މަސްމިރުސް ޕެކެޓްތައް ނަގާފައިވާކަމަށް ދެ މީހުންވެސް އިއުތިރާފްވެފައިވާތީއެވެ.
މިމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައިވާއިރު، މި ދެމީހުންނަކީ މިބާވަތުގެ ކުށުގެ ރެކޯޑްސް އޮތް ފަރާތްތަކެއްކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުން އެދިފައިވަނީ، ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް އެ ދެމީހުންނަކީ މިބާވަތުގެ ކުށުގެ ރެކޯޑްސް ގިނަ ފަރާތްތަކެއްކަމަށްވާތީ، ބަންދުން ދޫކޮށްލައިފިނަމަ ކުށް ތަކުރާރުކުރުމުގެ އިހްތިމާލު ބޮޑުކަމަށް ބުރަވެވޭކަމަށް ކްރިމިނަލް ކޯޓުގައި ބަންދު އަޑުއެހުން ކުރިއަށްގެންދެވި ގާޟީ ފާހަގަކުރައްވާފައިވެއެވެ.
ކުދިކުދި ވައްކަމުގެ މައްސަލަތައް މިފަހަކަށްއައިސް އިތުރުވެފައިވާއިރު، އެފަދަ ކުށްތައް ކުރާ މީހުން ކުށް ތަކުރާރު ކުރާ މިންވަރުވެސް އިތުރެވެ.