ވަގު ފޯމް ހުށަހެޅުމުގެ މައްސަލައިން ވަކި ޕާޓިއަކަށް އިސްތިސްނާ ނުވެވޭނެކަމަށާއި، ވަގު ފޯމް ހުށަހެޅުމުގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނެތްކަމަށް އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން ފުއާދު ވިދާޅުވީ، ފޭކް ފޯމުތަކެއް ހުށަހެޅުމުގެ މައްސަލައިގައި ދޭތެރެދޭތެރެއިން ޕާޓީތަކުގެ ބޭފުޅުންނާއެކީ މަޝްވަރާކުރައްވާކަމަށެވެ.
"ދެން ތި ވިދާޅުވާ މައްސަލައަކީ [ވަގުފޯމު ހުށަހެޅުމުގެ މައްސަލައަލަ] ހަމަ ހުރިހާ ޕާޓީއަކަށް އެބައޮތް ދިމާވެފަ އެ މައްސަލަ އިނގޭތޯ. ވަކި ޕާޓީއަކަށް އިސްތިސްނާއެއް ނުކުރެވޭ." ފުއާދު ވިދާޅުވިއެވެ.
އީސީއަށް ހުށަހަޅާ ފޯމުތައް ވަކިވަކިން ޗެކްކުރުމުގެ އުސޫލެއް ނޯންނަކަން ފާހަގަކޮށް ފުއާދު ވިދާޅުވީ، އޭގެ ބަދަލުގައި ޕާޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމުގައި އޮންނަނީ ޕާޓީގެ ޒިންމާދާރުވެރިޔަކު ސޮއިކުރަން ކަމަށެވެ. އަދި މެމްބަރަކު ފޯމެއްގައި ސޮއިކުރާއިރު އޭގައި ދެ ހެކިންގެ ސޮއިވެސް އޮންނަކަމަށާއި، އަދި އީސީއާ ފޯމުތައް ހަވާލުކުރާއިރު އެއީ ސައްހަ ފޯމުތައްކަން ބަޔާންކޮށް ޕާޓީގެ ފަރާތުންވެސް މީހަކު އިގްރާރުގައި ސޮއިކުރާ ކަމަށެވެ. އެހެންނަމަވެސް މައްސަލައެއް ދިމާވުމުން ޕާޓީތަކުން އެކަމުން ދިފާއުވެގަންނަކަމަށެވެ.
"އެހެން ނަމަވެސް ޕާޓީތަކުން ދެން މި ވިދާޅުވަނީ ތިމަންނަމެންގެ މެންބަރުން މި ލިބެނީ ރާއްޖޭގެ ހުރިހާ އެކިއެކި ކަންކޮޅުތަކުންނޭ، އެއީ ސަޕޯޓަރުން ފުރި ފޯމުތަކޭ، ތިމަންނާމެންނަށް ތިކަމާ ބެހޭ މައުލޫމާތު ނޭނގޭކަމަށް" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މިފަދަ މައްސަލައެއްގެ ޝަކުވާ ހުށަހަޅައިފިނަމަ، އެކަން އީސީން ބަލާނެކަމަށާއި، އަދި އެ ފަރާތެއް ޕާޓީގެ ދަފްތަރުންވެސް އުނިކޮށްދޭނެކަމަށެވެ.