މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް އަމާޒުކޮށް ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިހުރި ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ހަވާލުކޮށްފިއެވެ.
ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރަން ފަށާފައިވާ ޕޮލްކޯ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަސް ތެރޭގައި ނިންމާގޮތަށް، 274،554،916.43 ރުފިޔާއަށެވެ.
ޖުމުލަ 361 ޔުނިޓްގެ ތިން ޓަވަރުގައި ހިމެނޭ ޔުނިޓެއްގެ ބޮޑުމިނަކީ އެވްޖެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. މި ޓަވަރުތަކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި އެޕާރޓްމަންޓްތަކުގެ އިތުރުން، ޕަރކިންގ އޭރިއާ، ކޮމާރޝަލް އޭރިއާ އަދި މަލްޓިޕާރޕޯސް ހޯލެއް ހިމެނެއެވެ.
މިމަޝްރޫއު ވިލަރެސްކޮށް ހިންގުމަށް ހަމަޖެހިފައިވަނި ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގުޅިގެންނެވެ.