ރަޖިސްޓްރާ އޮފް ކޮމްޕެނީ ކަމުގެ މަގާމަށް އައްޔަންކުރި ސ.މީދޫ ވިޓޯރިއާ މުހައްމަދު އިޔާސް، އައްޔަން ކުރިތާ އެއްދުވަސް ފަހުން ވަޒީފާއިން ވަކިކޮށްފިއެވެ.
އިޔާސް މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ އެއްދުވަސް ފަހުން ރައިސް އޮފީހުން އިޔާސް ވަޒީފާއަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.
ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ މަގާމަށް އިޔާސް އައްޔަންކޮށްފައިވަނީ ޖުމްހުރީ ޕާޓީގެ ސްލޮޓެއްގައެވެ.
މިކަމާއި ގުޅޭ ގޮތުން ރައިސް އޮފީހުގެ ތަރުޖަމާން މުއާޒު އަލީ ވިދާޅުވީ އެއީ ރައީސް ނިންމެވި އިދާރީ ނިންމެވުމެކެވެ.
އިންޓަނޭޝަނަލް މެރިޓައިމް ލޯ އިން މާސްޓާސް ހައްދަވާފައިވާ އިޔާސް ވަނީ މީގެ ކުރިން ބަންޑާރަ ނައިބު އޮފީހުގެ ޑެޕިއުޓީ ސްޓޭޓް އެޓާނީކަން ކުރައްވައިފަ އެވެ. އޭނާއަކީ ސުއުދު އަންވަރު ލޯފާމްގެ އެއް ޕާޓްނަރވެސް މެއެވެ.
މިކަމާއި ގުޅޭ ގޮތުން އިޔާސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.