ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ހަ ގޮނޑިއަށް ވޯޓުލާން ނިކުމެފައި ވަނީ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނެވެ.
މާލެ ފިޔަވައި ދެން އެންމެ ބޮޑު އާބާދީ އޮތް އައްޑޫގެ ކައުންސިލް އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ 22،908 މީހުން ތިބިކަމަށް އިލެކްޝަނުން ބުނެއެވެ. ހޮނިހިރު ދުވަހުގެ ވޯޓުގެ ރަސްމީ ނަތީޖާ އިއްލާން ކުރުމަށް އިލެކްޝަނުން ދެދުވަސް ނަގާނެ ކަމަށް ބުނެފައިވާ އިރު މިހާތަނަށް ސާފުވެފައިވާ ނަތީޖާއިން ދައްކާ ގޮތުގައި މި އިންތިހާބްގައި އައްޑޫން ވޯޓުލާން ނިކުމެފައިވަނީ 11،090 މީހުންނެވެ.
ނޮވެމްބަރު މަހު ބޭއްވި ރިއާސީ އިންތިހާބްގައި އައްޑޫގައި ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ އަދަދަކީ 22،977 އެވެ. މި ދެލިސްޓަށް ބަލާލުމުން ކައުންސިލްގެ އިންތިހާބްގައި ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ އަދަދު މަދުކަމަށް ފާހަނގަކުރެވެއެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބްގައި އެންމެ ގިނައިން ވޯޓު ދީފައިވަނީ ހުޅުމީދޫ ދާއިރާއަށެވެ. އެދާއިރާގެ ވޯޓު ލިބުމުގެ ހައްގުލިބިގެންވާ 4،687 މީހުން ތިބި އިރު 2،154 މީހުން ވަނީ ވޯޓުދީފައެވެ.
ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވޯޓުލާފައިވަނީ ފޭދޫ އާއި ހިތަދޫ އުތުރު ދާއިރާއަށެވެ. މި ދެދާއިރާއަށް ބަލާއިރު ފޭދޫގައި ތިބި ވޯޓުލުމުގެ ހައްގުލިބިގެންވާ 3،799 މީހުންގެ ތެރެއިން 1،994 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލާން ޖެހޭ އާބާދީގެ 52.49 އިން ސައްތަ މީހުންނެވެ.
ހިތަދޫ އުތުރުދާއިރާގައި ތިބި 3،599 މީހުންގެ ތެރެއިން 1،840 މީހަކު ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލާންޖެހޭ އާބާދީގެ 51.13 އިން ސައްތައެވެ.
އެންމެ ގިނަ އަދަދަކަށް މީހުން ވޯޓުލާން ނިކުތް ހުޅުމީދޫގެ ވޯޓުދިން އާބާދީގެ ނިސްބަތަކީ 45.96 އިން ސައްތައެވެ. ވަކި ވަކި ދާއިރާތަކަށް ބަލާައިރު މަރަދޫ ދާއިރާގައި ވޯޓުލުމުގެ ހައްގުލިބިގެންވާ 3690 މީހުން އެބަތިބިއެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 1709 މީހެކެވެ، އެއީ ނިސްބަތުން ބަލާނަމަ 46.3 އިން ސައްތައެވެ.
ހިތަދޫ މެދު ދާއިރާއަށް ބަލާައިރު އެދާއިރާގައި ތިބީ ވޯޓުލުމުގެ ހައްގުލިބިގެންވާ 3،565 މީހުންނެވެ. ވޯޓުލާފައިވަނީ އޭގެ ތެރެއިން 1،667 މީހެކެވެ. އެއީ ނިސްބަތުން ބަލާނަމަ 46.76 އިން ސައްތައެވެ.
ހިތަދޫ ދެކުނު ދާއިރާގައި ތިބީ ވޯޓުލުމުގެ ހައްގުލިބޭ 3،568 މީހެކެވެ. ހޮނިހިރު ދުވަހުގެ ވޯޓުގައި ބައިވެރިވެފައިވަނީ އޭގެ ތެރެއިން 1،726 މީހެކެވެ. އެއީ ނިސްބަތުން ބަލާނަމަ 48.37 އިން ސައްތައެވެ.
މި އިންތިހާބްގައި ވަކި ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ މަރަދޫ/މަރަދޫ ފޭދޫ ދާއިރާއިން ގޮޑި ކާމިޔާބް ކުރެއްވި އަބްދުﷲ ޠޮއްޔިބް (ޓޮމް) އެވެ. ޓޯމްވަނީ 1،179 ވޯޓު ހޯދާފަ އެވެ.
އެންމެ މަދުން ވޯޓު ހޯދައިގެން ކައުންސިލަށް ހޮވިފައި ވަނީ 890 ވޯޓު ލިބިގެން ހިތަދޫ މެދު ދާއިރާއިން ވާދަކުރި ހުސެއިން ހިލްމީ އެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ހިތަދޫ އުތުރު ދާއިރާގެ ގޮޑި ކާމިޔާބްކޮށްފައި ވަނީ 1،086 ވޯޓުންނެވެ.