Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ދިމާވާ ކުޑަކުޑަ ކަމަކާހުރެ ސިޓީ ކައުންސިލުން ވަކިވާ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް: ޞާލިހާ

ދިމާވާ ކުޑަކުޑަ ކަމަކާހުރެ ސިޓީ ކައުންސިލުން ވަކިވާ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް އައްޑޫ ސިޓީ މީދޫ އަވަށުގެ ކައުންސިލަރ އާމިނަތު ސާލިހާ ވިދާޅުވެއްޖެ އެވެ.

ސާލިހާ މިހެން ވިދާޅުވީ، ހުޅުދޫ އަވަށު އޮފީހުގައި މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގެ ދެވަނަ ދަންފަޅީގައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިވެގަތުމަށް އެ ސިޓީގެ މީދޫ އާއި ހުޅުދޫ އަވަށުގެ ރައްޔިތުން އަންނަނީ ކެމްޕޭން ކުރަމުންނެވެ.

މިކަމާއި ގުޅިގެން ސާލިހާ ވިދާޅުވީ، މިއީ އާދައިގެ ކުޑަކުޑަ ވާހަކާއް ނޫން ކަމަށާއި، ދިމާވާ ކުޑަކުޑަ ކަމަކާހުރެ ވަކިވާ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.

ޕްރޮޖެކްޓެއް އިއުލާން ނުވެގެން، ބިމެއް ހަވާލު ނުވެގެން، މިވަރުގެ ކަމަކުން ވަކިވެގަންނާށޭ ބޭނުންވަނީ، އެވަރުގެ ވާހަކައެއް ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް؛ ސާލިހާ ވިދާޅުވި އެވެ.

ނަމަވެސް ސާލިހާ ވަނީ، ބައެއް ޕްރޮޖެކްޓައް އެޕްރޫވްވުމުގައި ލަސްތަކެއް އެބަހުރިކަން ފާހަގަކޮށްފައެވެ.

[އެފަދަ] އިދާރީ ކަންތައްތައް ހުރުމުގެ ސަބަބުން ރައްޔިތުން ގަބޫލުކުރަނީ އައްޑޫ ސިޓީން ވަކިވެގަންނަން ވީއޭ. އެއިކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން؛ ސާލިހާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިވެގަތުމަށް ހުޅުދޫ އާއި މީދޫގެ ރައްޔިތުން ކުރާ ކެމްޕޭނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވަނީ ތާއިދުކުރައްވާފައެވެ. ރޮޒައިނާ ވަނީ، ރައްޔިތުންގެ ޚިޔާލު ހުރިނެތް ގޮތެއް ބަލާފައި އައްޑޫ ސިޓީ ކައުންސިލުން ވަކިވާން މަޖިލީހަށް ހުށަހަޅަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.