Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު ރައީސް ސޯލިހު

2022 އަކީ ތަރައްޤީގެ އުފާވެރިކަން ރައްޔިތުންނަށް އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

2022 އަކީ ތަރައްޤީގެ އުފާވެރިކަން ރައްޔިތުންނަށް އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރަކަށް ވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ، ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއް ކަމަށެވެ. މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަޙައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް، ޚިތާބުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

އާ އަހަރު ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑުގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމައު އެކުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމަށެވެ. އަދި ކޮވިޑް-19ގެ ނުރައްކާ މުޅިން ފިލައިގެން ދިޔައީ ނޫންކަމަށާއި، މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށެވެ.

"މި ފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީގޮތުން ބައިވެރިވުމެވެ. ދެ ޖިންސުގެ ދިވެހި ޒުވާނުން ޤައުމީ ތަރައްޤީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްޤީގެ ދަތުރުގައި އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަޤީނެވެ. ވަޒީފާއެއް އަދާނުކޮށް ނުވަތަ މަސައްކަތެއް ނުކޮށް އުޅޭ ކޮންމެ ފަރުދަކުވެސް، ކިތަންމެ އާދައިގެ ކަމަކުންވިޔަސް، ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މަސައްކަތެއް ކުރުމަކީ، ޤައުމީ ތަރައްޤީއަށް އިތުރު ދިރުމެއް އަންނާނެ ކަމެކެވެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ހަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މި ފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެގޮތުން ރަށްރަށުގައި ފަށާފައިވާ އަސާސީ ހިދުމަތްތަކުގެ ކިތަންމެ މަޝްރޫއެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ވެސް ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ.

"ތަރައްޤީއަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ޙާޞިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެންނެވެ. އަޅުގަނޑުމެންގެ ހިތްތަކުން ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ނައްތާލައި، އެއްބަނޑުއެއްބަފާކަމުގެ ގުޅުން އަލުން ބަދަހިކޮށްގެންނެވެ. ހަމައެފަދައިން، އިސްލާމީ ދިވެހި އުންމަތް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، މިއަދުގެ ދިރިތިބީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކޮށްގެންނެވެ. އެއީ އަޅުގަނޑުމެންގެ ވަށައިގެންވާ ޤުދުރަތީ ނިޒާމު ޙިމާޔަތްކޮށް ރައްކާތެރިކުރުމެވެ."

އަދި މާވެށްޓަށް ގެއްލުން ލިބޭ އެންމެހައި ޢަމަލުތަކުން ދުރުހެލިވެ، ތިމާވެށި ޙިމާޔަތް ކުރުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ޤަބޫލުކޮށް، އެގޮތަށް ޢަމަލުކުރަންޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.