Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

2022 ގައި ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއާއަށް ހޫނު މަރުހަބާއެއް

ދިވެހިރާއްޖެއަށް 2022 ވަނަ އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކަށް، އިނގިރޭސިވިލާތުގެ ޖޯޖީނާ ކެނިންގް ވެއްޖެއެވެ.

އިނގިރޭސިވިލާތުގެ މި ފަތުރުވެރިއާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގާ ހޫނު މަރުޙަބާ އެއް ކިޔާ، ޙާއްސަ ހަފްލާއެއް މިއަދު ފަތިހު ބާއްވައިފިއެވެ. މި ހަފްލާގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ/ވިޒިޓް މޯލްޑިވްސް)ގެ އިސްވެރިންގެ އިތުރުން، އިމިގްރޭޝަން މޯލްޑިވްސް އާއި، މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ފާހަގަކޮށްލެވޭ ގިނަ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

ފަތުރުވެރިއާއަށް މަރުހަބާ ކިޔުމަށް ބޭއްވުނު ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރަކީ ތަފާތު ގިނަ ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ އެނދުގެ އަދަދު 9.4 އިންސައްތައިން އިތުރުވެފައިވާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް ރިކޯޑު އަދަދަކަށް މަތިވެފައިވާކަމަށެވެ. އަދި ވިދިވިދިގެން ދެއަހަރު "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ޙާސިލުކޮށް ރާއްޖެ، ދުނިޔޭގައި ނަމޫނާ މަންޒިލެއްގެ ގޮތުގައި ވިދާލާފައިވާކަމަށެވެ.

މީގެއިތުރުން އެމްއެމްޕީއާރސީގެ ޗީފް އެކްސެކިޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ، ތޮއްޔިބް މުޙައްމަދު ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މިކަންކަމުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީ އެކަމާ ހިތްހަމަޖެހުން ފާޅުކުރައްވާ ތޮއްޔިބް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ޝާމިލްވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން ކުރިމަތިލާފާވަނީ ފޮނި އުންމީދުތަކާއެކު، އެންމެން އެކުގައި، އެއް އަޒުމެއްގައި ކަމުގައި އެއްވެސް ޝައްކެއްނެތްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުވެފާވާލެއް ހަލުވިކަން މިކަމަށް ހެކިދޭ ކަމަށެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން މިދިޔަ އަހަރުގެ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 24 މާކެޓެއްގައި 244 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރ، އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮއްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭނެ އަހަރެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ.