Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

އިންސާފު ގާއިމުކުރަނީއޭ ބުނެ ޔާމީނަށް ދައުވާކުރުން ފިޔަވާ އިތުރު ކަމެއް ކުރެވުނުތޯ؟: ޖަމީލް

ޔާމީން އާއި ޖަމީލް - ފޮޓޯ: ޕީއެންސީ

އިންސާފު ގާއިމު ކުރުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރުން ފިޔަވާ އިތުރު ކަމެއް ކުރޭތޯ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައިވެސް ހަރަކާތްތެރިވާ އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުޙައްޤު ދަޢުވާތަކާމެދު ކަންބޮޑުވާ ކަމަށެވެ.

"މިދިޔަ 3 އަހަރު އިންސާފް ޤާއިމްކުރަނީއޭ ބުނެ މިނޫން ކަމެއް ކުރެވިއްޖެތޯ؟" ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޖަމީލް ވިދާޅުވީ، އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ ކަމަށެވެ.

ޖަމީލް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

ވ. އަތޮޅު އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކާ އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.