ބޯވަ ނަގަން ފާބައި އުޅެނިކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ހަރބަރ ކްރާފްޓް އަދި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްއިން ކުރަމުން އަންނަކަމށެވެ.
އެގޮތުން ބޮލިފުށި، ގުޅިފަޅު، ވިލިނގިލި ހުޅަނގު ކަނުން ފެށިގެން ގޮސް ގިރާވަރުގެ އުތުރު ކަނާ ހިސާބަށް ބެލިފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ގިރާވަރު ކަނޑުގެ 69.3 ސްކެއާ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބެލިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މިވަގުތު އެމީހާ ހޯދުމަށް ބަލަމުން އަންނަނީ ކަނޑުގެ ސަރފޭސްއެވެ.
ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި 21 އަހަރުގެ ދިވެއްސެކެވެ. ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.