މާލެ ފިހާރައަކުން ވައްކަންކޮށް ހަމަނުޖެހުން ހިންގި ދެމަފިރިއެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާ 31 އަހަރުގެ ދިވެހި އަންހެނެކެވެ.
ބަންދުޖެހުމަށް ކޯޓަށް ގެންދިއުމުން ފިރިހެން މީހާ ކޯޓުގައި ވަނީ ކޮފީ ޕެކެޓެއް ވަގަށް ނަގަން އުޅުނު ކަމަށް އެއްބަސްވެފައެވެ. އަދި އެކަން ކުރީ އެ ޕެކެޓު ވިއްކައިގެން ލިބޭ ފައިސާ އިން ބަނޑުފުރާނަ މުއްތިކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާގެ ތެރެއިން ފިރިހެންމީހާ އެ ފިހާރައިގައި މަސައްކަތްކުރި ބިދޭސީއަކަށް ވަޅިން ބިރުދައްކާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަންހެން މީހާ އޭނާގެ ފިރިމީހާއަށް އެހީތެރިވުމުގެ ގޮތުން ބިދޭސީމީހާގެ ގަމީހުގައި ހިފައި ދެމި ކަމަށް ވެސް ބުނެފައިވެއެވެ. ފިރިހެންމީހާ ބުނެފައިވަނީ އޭނާ ބިދޭސީ މީހާގެ ގައިގާ އަތްލާފައިވަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށެވެ. އަދި އަންހެން މީހާ ބުނާގޮތުން އޭނާ ބިދޭސީ މީހާގެ ގައިގައި އަތްލާ ދަމާފައިވަނީ ފިރިހެންމީހާއަށް އަނިޔާކުރާ ކަމަށް ބެލެވިގެންނެވެ.
މި ދެމީހުން ބަންދުން ދޫކުރުމަށް އިންކާރުކުރަމުން ފުލުހުން ވަނީ އެ ދެމީހުންގެވެސް ކުށުގެ ރެކޯޑް އޮންނަކަން ހާމަކޮށްފައެވެ. އެގޮތުން ފިރިހެންމީހާގެ 40 ހައްޔަރާއި ބަންދު ލޮގު އޮތް ކަމަށް ބުނެފައިވާއިރު އަންހެންމީހާގެ ކުށުގެ ރެކޯޑްގެ އަދަދުތައް ހާމަކޮށްފައެއްނުވެއެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ މި ދެމީހުންގެވެސް ބަންދަށް 15 ދުވަސް ދީފައެވެ.
މިފަހަކަށް އައިސް ވައްކަމާއި ބިރުދައްކައިގެން ފޭރުމުގެ ކުށްތައް މާލޭގައި އިތުރުވެރިވެފައިވެއެވެ.