Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ވުލްވްސް އިން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އިން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.

މި ނަތީޖާއާއެކު ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ހަތަރުވަނައިގައި އޮތް އާސެނަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 19 މެޗުން 31 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވި ވުލްވްސް އޮތީ 19 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ވުލްވްސް ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް ޕޮޑެންސް އާއި ރުބެން ނަވާސް ފޮނުވާލި ހަމަލާތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ޔުނައިޓެޑުން ބްރޫނޯ ފަނާންޑޭސް އާއި މާކަސް ރަޝްފޯޑް ކުޅެން އެރުވިއިރު މެޗުގެ 67 ވަނަ މިނެޓްގައި ވުލްވްސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބްރޫނޯ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ވުލްވްސްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ. އޭގެ އިރުކޮޅެއްފަހުން ވުލްވްސް އަށް ލިބުނު ހިލޭޖެހުމަކުން ސައިސް ފޮނުުވާލި ހަމަލާއެއް ވަނީ ޔުނައިޓެޑްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ވުލްވްސް އަށް ކާމިޔާބުކޮށްދިނީ ޖާއޯ މުޓީނިއޯ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ރޮގު މަތީ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މިއީ ވުލްވްސް އިން 42 އަހަރު ތެރޭ ޔުނައިޓެޑް ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.